ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގައި ނޫސްވެރިންނަށް އަމާޒުކޮށް (އަނިޔާ ދިނުމުގެ ނިޔަތުގައި) އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ދިވެހިފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މި މުޒާހަރާގައި ދެ ނޫސްވެރިއަކަށް އަނިޔާވެފައި ވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. "މިކަމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ފުލުހުންގެ ފަރާތުން އެ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ނުބެލެވެއެވެ." ފުލުހުން ވިދާުވެފައިވެއެވެ.

މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ރޫޅާލުމަށް ޝީލްޑްތަކާއެކު ކުރިއަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރީން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ހާދިސާގައި ކަންހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަރޑްސް ކޮމާންޑުން ގެންދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.