މީގެ ދެދުވަސް ކުރިން ތުރުކީ އާއި ސީރިއާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް ޗައިނާއިން ހާއްސަ ޓީމެއް ރޭގެ ވަގުތެއްގައި ތުރުކީއަށް ފޮނުވައިފިއެވެ.

82 މެމްބަރުންގެ މިޓީމަކީ ބިންހެލުންތަކުގައި އިމާރާތްތަކުގައި ދަށުވެފައި ތިބޭ މީހުން ހޯދުމަށް ހާއްސަ ޓީމެކެވެ. މިޓީމާއެކު ޗައިނާއިން ވަނީ ތަމްރީން ކޮށްފައިވާ 4 ކުއްތާ އާއި 20 ޓަނުގެ ސިއްހީ ސާމާނު ތުރުކީއަށް ފޮނުވާފައެވެ.

ޗައިނާގެ އިތުރުން ދެކުނު ކޮރެއާއިން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް 110 މެމްބަރުންގެ ޓީމަކާ މީހުން ހޯދުމަށް ހާއްސަ ކުއްތާތަކެއް ތުރުކީއަށް ފޮނުވާފައެވެ.

ތުރުކީ އާއި ސީރިއާގެ އޮފިޝަލުން އެންމެފަހުން ހާމަކުރައްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބިންހެލުމުގައި ތުރުކީއިން 5894 މީހުން އަދި ސީރިއާއިން 2032 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ.