އަދާލަތު ޕާޓީއަކީ، މަދަނީ ޖަމްއިއްޔާއެއް ކަމަށް، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރަސީ ޕާރޓީތަކުގެ ފެށުމުގެ ތެރެއިން އުފަންވި ލިބަރަލް ޕާޓީގެ ބާނީ އަދި އެމް.ޑީ.ޕީގެ ކުރީގެ ޗެއާރޕާސަން، އިބްރާހީމް އިސްމާއީލް(އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވެފައި ވަނީ ފޭސްބުކްގައި އޭނާ ހިއްސާކުރައްވާފައިވާ ޕޯސްޓެއްގައެވެ.

އިބްރާ ވިދާޅުވެފައި ވާ ގޮތުގައި މަދަނީ ޖަމްޢިއްޔާތަކާއި ސިޔާސީ ޕާޓީތައް ތަފާތެވެ. އެދެމެދުގައިވާ ތަފާތަކީ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބުތަކުގައި ބައިވެރިނުވާނެއެވެ. ނަމަވެސް މަދަނީ ޖަމްޢިއްޔާތަކުންވެސް ޤައުމުގައި ހިންގާ ސިޔާސަތުތަކަށް ބަސްބުނެ ނުފޫޒް ފޯރުވަން މަސައްކަތް ކުރާނެއެވެ. މި ހަމައިން ބަލާއިރު އަދާލަތު ޕާރޓީ އަކީ މަދަނީ ޖަމްޢިއްޔާއެކެވެ. އެއީ ސިޔާސީ ޕާޓީއެއްނޫންކަމަށެވެ.

އިބްރާ ކުރައްވާފައިވާ އެފްބީ ޕޯސްޓު

މަލްޓި ޕާރޓީ ޑިމޮކްރަސީއަކީ ތަފާތު ވިސްނުންތަކެއް ތަމްސީލްކުރާ ކެނޑިޑޭޓުންތަކެއް އިންތިހާބުތަކަށް ކުރިމަތިލައި، ރައްޔިތުންނަށް ޗޮއިސްތަކެއް ދައްކުވައި ދިނުމެވެ. ޤާނޫނު އަސާސީގައި ރިޔާސީ އިންތިހާބުގައި ދެވަނަބުރެއް އޮންނަ ގޮތަށް ބަޔާންކޮށްފައި އޮތީ ފުރަތަމަ ބުރުގައި ޗޮއިސް ގިނަކުރުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުންނެވެ. ޢަދާލަތު ޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައިހަރަކާތްތެރި ވީކަމުގައި ވިޔަސް، މަޖިލީހުގެ އެއްވެސް ގޮނޑިއެއް އެޕާޓީއަށް ލިބިފައިނުވާ ރައްޔިތުންގެ ތަރުހީބު ކުޑަ ޕާޓީއެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.