އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އުނދަގުލުން 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް މެންޗެސްޓަރ ސިޓީއިން މުހިއްމު ތިން ޕޮއިންޓް ހޯދިއިރު، ލެސްޓަރ ސިޓީ 1-3 އިން ބަލިކޮށް ޗެލްސީން ގަދަ ހަތަރެއްގެ އުއްމީދު ދަމަހައްޓައިފިއެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި މެންޗެސްޓަރ ސިޓީއިން މުހިއްމު ތިން ޕޮއިންޓް ހޯދީ 78 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ފޯވާޑް އާލިންގ ހާލަންޑް ކާމިޔާބު ކުރި ހަމައެކަނި ލަނޑުންނެވެ. އާސެނަލް އާއި ފްރާންސް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޕެޓްރިކް ވިއޭރާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ކްރިސްޓަލް ޕެލަސްއިން މިމެޗުގައި ރަނގަޅަށް ޑިފެންސްކޮށް ސިޓީއަށް ގިނަ އުނދަގޫތަކެއް ކުރިމަތި ކުރުވިއެވެ.

މިމޮޅާއެކު، ތާވަލުގެ ކުރީގައި އޮތް އާސެނަލްއާ ދެޕޮއިންޓަށް ސިޓީއިން ވަނީ ކައިރިއަށް ޖެހިލާފައެވެ. ތާވަލުގެ ކުރީގައި އާސެނަލް އޮތީ 63 ޕޮއިންޓާއެކުއެވެ. އެއްމެޗް އިތުރަށް ކުޅެ ދެވަނައިގައި ސިޓީ ދެވަނައިގައި އޮތީ 61 ޕޮއިންޓާއެކުއެވެ.

ލީގުގައި މާދަމާ ރޭ ފުލަމް އަތުން އާސެނަލް މޮޅުވެއްޖެނަމަ އަލުން 5 ޕޮއިންޓަށް ލީޑް ފުޅާކޮށްލެވޭނެއެވެ.

ލީގުގައި މިސީޒަނުގައި ވަރަށް އާދައިގެ ނަތީޖާތަކެއް ލިބެމުން އަންނަ ޗެލްސީއިން ލެސްޓަރގެ މައްޗަށް ކުރި ހޯދީ ފުރަތަމަ ހާފުގައި ބެން ޗިލްވެލް އާއި ކައި ހަވާޓްޒް އަދި ދެވަނަ ހާފުގައި މެޓިއޯ ކޮވަސިކް ކާމިޔާބު ކުރި ލަނޑުންނެވެ. ލެސްޓަރގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ ޒެމްބިއާގެ ހުނަރުވެރި ފޯވާޑް ޕަސްޓޮން ޑާކާއެވެ.

މިމޮޅާއެކު ޗެލްސީ އޮތީ 37 ޕޮއިންޓާއެކު 10 ވަނައިގައެވެ. ހަތަރުވަނަ މަގާމުގައި އޮތް ޓޮޓެންހަމް އާއި ޗެލްސީއާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަނެއްކޮޅުން މިމެޗުން ބަލިވުމުން ލެސްޓަރއަށް ވަނީ ރެލިގޭޒަން ޒޯނަށް ވެއްޓިދާނެ ކަމުގެ ބިރު ކުރިމަތިވެފައެވެ. ލެސްޓަރ އޮތީ 24 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ. ރެލިގޭޒަން ޒޯނުގައި އޮތް ވެސްޓްހޭމް އާއި ލީޑްސް އޮތީ 23 ޕޮއިންޓާއެކުއެވެ.