މިއަދު މެންދުރެއްހާ އިރު ގއ ކޮލަމާފުށީގައި ރޯވި، "އެސްކާވް" ޕްރިންޓާސް ވަނީ އަލިފާންގަނޑު ނިވާލެވުނު އިރު ބޭނުން ކުރެވޭ ވަރަށްވުރެ ބޮޑަށް އަނދާހުލިވެފައި ކަމަށާއި މިއީ ރަށުގެ އެތައް ބަޔަކަށް ގިނަގުނަ، މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދޭ ތަނެއްކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދީފިއެވެ.

ކޮލަމާފުށީގައި ޕްރިންޓު ކުރާ ތަނެއްގައި ރޯވެ އަނދަމުން ދަނިކޮށް އަލިފާންގަނޑު ނިވާލެވިއްޖެ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާތީވެ، ތަނުގެ ހާލަތު އޮޅުން ފިލުވައިލުމަށް "ހަލި" ނޫހުން ކޮލަމާފުށީގެ ކައުންސިލާ ކޮށްލި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލުގެ ނައިބު ޝަހާމަތު ހަނީފު ވިދާޅުވީ މިއީ ރަށަށް ވަރަށް ގިނަ ހިދުމަތްތަކެއް ދޭ ތަނެއްކަމަށެވެ. ތަން މިހާރު ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައި ކަމަށެވެ. ރަށުގައި އެހެން ޕްރިންޓު ކުރާ ތަނެއް ދާދި ފަހުން ހުޅުވާފައި އެބަހުރިކަމަށާއި ނަމަވެސް "އެސްކާވް" އިން ލިބޭ ހިދުމަތްތަކެއް އަދި އެތަނަކުން ނުލިބޭ ކަމަށްވެސް ޝަހާމަތު ވިދާޅުވިއެވެ.

"ޕްރިންޓު ކުރާ ތަނެއްކަމަކު ހަމައެކަނި ޕްރިންޓު ކުރުމުގެ މަސައްކަތެއް ނޫން އެތަނުން ކުރަނީ. ރަށު ރައްޔިތުންނަށް ވަަރަށް ގިނަ ގުނަ، އެހާމެ މުހިންމު އެތައް ހިދުމަތެއް ދޭ ތަނެއް މިތަނަކީ. ސުކޫލު ކުދިންގެ ބެޖުތަކާއި ކުޅިވަރާއި އިތުރު ހަރަކާތްތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ ތަނެއް. މިހާރު އިންޓަރހައުސް ކުޅިވަރަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް ގެނެސްފައި ހުރި ކަމަށް މައުލޫމާތު ލިބިފައި އޮތީ. އެތަކެތިވެސް ހުރީ ޕްރިންޓު ކުރާ ތަނުގެ ތެރޭގައި."

ޝަހާމަތު ވިދާޅުވި ގޮތުގައި ތަނުގެ ވެރި ފަރާތަކީ ދިވެއްސެކެވެ. ރަށުގައި ދިރިނޫޅޭ ފަރާތެއްކަމަށާއި މިވަގުތު ހުރީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އަދި ތަނުގެ ބެލެހެއްޓުމާއި ހިންގުން ހަވާލުކޮށްފައި ހުންނަނީ ބިދޭސީ މީހަކާ ކަމަށާއި އެމީހާ ނޫން މީހަކު އެތަނުގައި މަސައްކަތް ނުކުރާ ކަމަށެވެ. އަދި ތަނުގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ 5 މިލިއަން ނޫނީ 6 މިލިއަނެއްހާ ރުފިޔާގެ ގެއްލުމެއް ކަމަށްވެސް ޝަހާމަތު ވިދާޅުވިއެވެ.

އާންމުކޮށް ތަން ހުޅުވާނީ ރޭގަނޑުކަމަށްވިޔަސް މިއަދު ހެނދުނު ބިދޭސީ މީހާ ޕްރިންޓު ކުރާ ތަން ހުޅުވައިގެން އުޅުނު ކަމަށްވެއެވެ. އަދި އޭނާވެސް މެންދުރު ނަމާދު ގަޑިއަށް ތަން ބަންދުކޮށްލާފައި ހިނގައްޖެ ކަމަށެވެ. ތަނުގައި ރޯވެފައި ވަނީ އޭގެ ފަހުންނެވެ.

އަލިފާންގަނޑު ރޯވެ އަނދަން ފެށުމާއެކުހެން ރަށުގެ އަންހެން ފިރިހެން ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ވަނީ އަލިފާންގަނޑު ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. ނަމަވެސް އަލިފާންގަނޑު ނިވާލެވުނު އިރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައެވެ.

"އެއީ ކުޑަ ތަނެއް ނޫން. ގާތްގަނޑަކަށް 25 ފޫޓު 18 ފޫޓު ހުންނާނެ. ބޮޑު ތަނެއް އެއީ. ތަނުގައި ހުންނާނީ މުޅިންވެސް ރޯވުން އަވަސް، ފަސޭހަ ތަކެތި. ދެއްޔާއި ޕްރިންޓަރާއި ލޯނަރާއި މިހެން ގޮސް ކަރުދާހާއި އަދި ރަށު ސުކޫލު ކުދިންގެ ކުޅިވަރު ސާމާނު ކަހަލަ ތަކެތިވެސް ހުންނާނެ. ވަރަށް ބައިވަރު މުހިންމު ސާމާނު ހުންނާނީ. ތަނަކީ ރަށު ރައްޔިތުންނަށް އެތައް ގިނަގުނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ތަނެއް."

ޝަހާމަތު ވިދާޅުވީ މިއީ މުޅި ކޮލަމާފުށްޓަށް ލިބުނު ހިތާމައެއް ކަމަށެވެ.