ޖޭޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވައިލައި
އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖޭޕީއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރެ، އެ ޕާޓީން އިސްވެ އޮވެ ޕާޓީތަކާ އެކު ކޯލިޝަނަކުން ވާދަކުރަން ކައުންސިލްގެ އިއްތިފާގުން ނިންމާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީ ކައުންސިލުން ފާސްކުރީ އެކަމާ ގުޅޭ ގޮތުން ނެގި ވޯޓެއްގަ އެވެ. އެ ވޯޓުގައި އެންމެ ފަރާތަކުން ފިޔަވާ އެހެން ހުރިހާ ކައުންސިލް މެމްބަރުން ވޯޓު ދެއްވީ ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށެވެ. މި ސަރުކާރާ އެކު ކޯލިޝަން ހަދައިގެން ކުރިއަށްދާން ފެންނަ ކަމަށް ވޯޓު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު އެކަންޏެވެ.
ޖޭޕީގެ ނިންމުމާ ގުޅިގެން މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުވި މެސެޖެއްގައި ވަނީ ޤާސިމަށް މަރުހަބާ ވިދާޅުވެފައެވެ.