އަރަބިއްޔާ ސްކޫލުގައި މޫނު ބުރުގާ އަޅައިގެން ކިޔަވަންދާ ދަރިވަރުން މޫނު އަޅައިގެން ސުކޫލަށް ދިއުން ހުއްދަނޫން ކަމަށް އަންގައިފިއެވެ. އެޑިއުކޭޝަން މިނިސްޓަރީއިން އަރަބިއްޔާ ސުކޫލަށް މި ނިންމުން އެންގީ އެސުކޫލުން މޫނު ބުރުގާ އެޅުމާ ބެހޭގޮތުން މިނިސްޓަރީގެ ލަފައަކަށް އެދިފައިވާތީއެވެ.
މިދިޔަ އަހަރު ފަހުކޮޅު އަރަބިއްޔާ ސުކޫލުގެ މޫނުބުރުގާ އަޅާ ދަރިަވރުން ސުކޫލަށް މޫނު އަޅައިގެން ދިޔުމާމެދު ޖެހެމުން ދިޔަ ހިޔާލުތަފާތު ވުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް އެދިގެން އެސުކޫލުން އެޑިއުކޭޝަން މިނިސްޓަރީއަށް ވަނީ ހުށަހަޅާފައެވެ. މިނިސްޓަރީގެ ލަފައަކަށް އެދިފައިވާ އަރަބިއްޔާގެ މި ހުށަހެޅުމުގެ ޖަވާބުގައި އެޑިއުކޭޝަނުގެ ނިންމުމުގައި ވަނީ އަރަބިއްޔާ ސްކޫލުގެ ޔުނިފޯމުގައި މޫނު ބުރުގާ ނުހިމެނޭ ކަމަށެވެ. އެހެންކަމުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުމަކީ މަނާ ކަމެއް ކަމަށް ވެސް އަންގާފައިވެއެވެ.
މި ހުށަހެޅުއްވުން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހު އެ ސްކޫލުގެ ހިންގުމާ ހަވާލުވެވަޑައިގެންނެވި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެން ސައީދެވެ. އެޑިއުކޭޝަން މިނިސްޓަރީގެ މި އެންގުން ތަންފީޒު ކުރަން ފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.
މޫނު ބުރުގާ އަޅަނީ މަތީ ގުރޭޑުތަކުގައި ކިޔަވާ މަދު ދަރިވަރުން ކޮޅެއް ކަމަށް ބެލެނިވެރިންގެ ފަރާތުން މައުލޫމާތު ލިބިފަައިވެއެވެ. މިގޮތަށް ސުކޫލަށް މޫނު އަޅައިގެން ކިޔަވަންދާ ކުދިންނަށް އެކަން މަނާ ކުރުމުގެ ސަބަބުން ބެލެނިވެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އަދި ބައެއް ބެލެނިވެރިން ދަނީ ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންނެވެ.