ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިންގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުގެ ހަރަކާތްތަކަކާއެކު ބޭއްވި މި ރޯދަވީއްލުން ބާއްވަވާފައި ވަނީ މިއަދު މުލީއާގޭގައި ކަމަށެވެ.

އެގޮތުން، މި ރޯދަވީއްލުމުގައި، ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީއާއި ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝިހާބް ބައިވެރިވެވަޑައިގެންނެވިއެވެ.އަދި އެ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސަސްގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެވަޑައިގެންވި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.