އިތުބާރު ހުރި ފަލަކީ ހިސާބު ކަށަވަރުކޮށްދޭ ގޮތުގައި، މި ހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަސް ވާނީ 29 ދުވަހުގެ މަހަކަށެވެ. މިހެން މިދެންނެވީ، 20 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމަށްފަހު ވަރަށް ގިނަ އިސްލާމީ ޤައުމުތަކަށް ހަނދު ނޯއްސި ހުންނާނެތީއެވެ.

މިގޮތުން، ދިވެހިރާއްޖެއަށް އެދުވަހު އިރުއޮއްސެނީ ހަވީރު 6:11 މިނެޓުގައެވެ. ހަނދު އޮއްސެނީ 6:27 މިނެޓުގައެވެ. އެހެންކަމުން، އެދުވަހު އިރުއޮއްސުމަށްފަހު 16 މިނެޓުއިރު ރާއްޖެއަށް ހަނދު ނޯއްސި ހުންނާނެއެވެ.

20 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހު އިރުއޮއްސުމަށްފަހު މައްކާއަށް 24 މިނެޓު ހަނދު ނޯއްސި ހުންނާނެއެވެ. މިސުރަށް 27 މިނެޓު ހަނދު ނޯއްސި ހުންނާނެއެވެ. އިންޑޮނީޝިޔާގެ ޖަކާޓާއަށް 9 މިނެޓް ހަނދު ނޯއްސި ހުންނާނެއެވެ. ތުރުކީއަށް 31 މިނެޓު ހަނދު ނޯއްސި ހުންނާނެއެވެ. މޮރޮކޯގެ ރަބާޠަށް 35 މިނެޓު ހަނދު ނޯއްސި ހުންނާނެއެވެ. ސައުތު އެފްރިކާގެ ކޭޕް ޓައުނަށް 13 މިނެޓް ހަނދު ނޯއްސި ހުންނާނެއެވެ. އާޖެންޓީނާގެ ބުއެނޮސް އެއާރީސްއަށް 20 މިނެޓު ހަނދު ނޯއްސި ހުންނާނެއެވެ.

އެހެންކަމުން، މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ، ފަލަކީ ހިސާބުން ދައްކާގޮތުގައި، މި އެޕްރީލް މަހުގެ 21 ވާ ހުކުރު ދުވަހަށެވެ.