ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ އަގެއް ނަގަން ކަނޑައަޅާފައިވާ ގާނޫނަށް އިއްޔެއިން ފެށިގެން މިވަނީ އަމަލުކުރަން ފަށާފައެވެ. މިއީ ޕްލާސްޓިކް މަދުކުރުމަށް އެޅޭ އެންމެ އެކަށީގެންވާ ރަނގަޅު އެއް ފިޔަވަޅެވެ. އެހެންނަމަވެސް އިއްޔެ މިގެނައި ބަދަލާއެކު ކޮންމެ ފިހާރައަކަށް ވަނަސް އެފިހާރައަކަށް ވިޔަފާރި ކުރަން ގޮސްތިބި މީހުންނާ ހިސާބުން ފެށިގެން ސޭޓާ ހަމައަށްވެސް އިވެމުން ދިޔައީ ހުސްނުވާ ޝަކުވާތަކާއި ހަދާނެ ގޮތެއް ނޭނގި ހިއްސާ ކުރެވެމުން ދިޔަ ކަންބޮޑުވުންތަކުގެ ވާހަކައެވެ.
"ކިހިނެއް މިކަން މިހެން ކުރާނީ...ބޮޑު ކޮތަޅު ކުރިން 3 ރުފިޔާއަށް ގަތް ކޮތަޅަށްވެސް 6 ރުފިޔާ އެބަ ނަގާ. މިއީ ހަމައެކަނި ގެއާ ހަމައަށް ތަކެތި އުފުލަން ބޭނުން ކުރާ ކޮތަޅެއްވެސް ނޫން. ކުނި އަޅާނެ އެއްޗަކާމެދުވެސް ވިސްނާވިސްނާ ބޯ ހަލާކުވާ ވަރުވެއްޖެ. ކަޅު ކޮތަޅަށް ކުނި އަޅާފައި ބަހައްޓައިފިއްޔާ އެ ކުނިނަގާ މީހުން ނުނަގާނެ. ފޮށިގަނޑުގައި ބެހެއްޓިއަސް ނުނަގާނެ." އާންމު ތަކެތި ވިއްކާ ފިހާރައެއްގެ ތެރެއިން ރޭގައި އިވުނު ވާހަކައަކީ މިއީއެވެ.
"ތިޔަކަމާ އަހަރެމެންވެސް ވަރަށް ވިސްނައިފިން. ހަމަ އެއްގޮތެއްވެސް ނެތް އަގުބޮޑަސް ގަންނަން ޖެހޭނީ،"
"ޕްލާސްޓިކް މަދުކުރަން ކުރި ކަމެކޭ ކިޔާއިރު ފެންހުސްކުރި ކިތައް ފުޅި ދުވާލަކަށް އެއުކާލަކީ ގޭގެއިން. ރައްޔިތުން އަތުން ފައިސާ އަތުލަން ހަދާހާ މޮޅެތި ޕްލޭންތައް،" މީހަކު ދިގުރާގަކަށް ދަމައިލިއެވެ. ދެކޮޅު ނުޖެހޭ ގަވާއިދުތަކެއް އުފެއްދުމުގެ ބޭނުމަކީ ކޮންމެހެން ޕްލާސްޓިކް މަދުކުރުމެއް ނޫންކަމަށް އެއްބަޔަކު އަންނަނީ ބުނަމުންނެވެ.
"ކޮތަޅު ހިފައިގެން އަންނަންވެސް މީހުންނަށް އާދަވާންވެސް ވަގުތު ނަގާނެ. މިއަދު ހަތަރުދަމު މިދިޔައީ ޒުވާބާއި ޖަދަލުގައި. ވީ ވަރަކުން ބައެއް މީހުންނަށް އަހަރެންގެ ހަރަދުގައިވެސް ކޮތަޅު ދިނިން. އެކަމަކު އެހެން އެކަން ކުރެވޭކަށްވެސް ނޯންނާނެ. ކޮތަޅުބޮޑިއެއްގެ އަގު މިހާރު ދުއިސައްތައަށްވުރެ ބޮޑު. ވިޔަފާރިއަށް ވިސްނާލާއިރުވެސް މިއީ ވަރަށް އުނދަގޫކަމެއް،" ފިހާރައިގެ ކައުންޓަރުގައި އިން މީހާގެ ހާސްކަންވެސް ވަކިކުޑައެއް ނޫނެވެ.
ކުރިން ކޮތަޅު ވިއްކި އަގާއި އަގަށް އައި ބަދަލު
- އެންމެ ކުދި ކޮތަޅު: 100 ޕީސް 16ރ. މިހާރު 100 ޕީސް 220ރ.
- މީޑިއަމް ކޮތަޅު: 100 ޕީސް 20ރ. މިހާރު 100 ޕީސް 228ރ.
- ބޮޑު ކޮތަޅު: 100 ޕީސް 25ރ. މިހާރު 100 ޕީސް 230ރ.
- އެންމެ ބޮޑު ކޮތަޅު: 100 ޕީސް 60ރ. މިހާރު 100 ޕީސް 270ރ.
އާންމު ރައްޔިތުންނަށާއި ވިޔަފާރިކުރާ މީހުންނަށްވެސް މިދުވަސް އަންނަކަން އޮތީ އެނގިފައެވެ. އެހެންނަމަވެސް އިއްޔެ މިގާނޫނަށް އަމަލު ކުރަން ފެށުން ވެގެން ދިޔައީ މީހުންނަށް ބަލައިނުގަނެވުނު ހައްލު ކުރަން އުނދަގޫ ކަންބޮޑުވުމަކަށެވެ.
"ކިތަންމެ ފައިސާ ލިބިގެން ވިޔަފާރި ކުރާ ބަޔަކަށްވިޔަސް ކިހިނެއް ކޮންމެ ދުވަހަކު ކޮތަޅަށް ތިވަރު ހޭދަ ކުރާނީ،"
"ޔަގީނުންވެސް ގެއިން އެއްޗެއް ހިފައިގެން އައިސް ތަކެތި ގެންދެވުނަސް ކުނި އަޅާނެ ކޮތަޅު ބޭނުންވާނެ. ކުނި އަޅަން ހާއްސަ ކޮތަޅު ގަންނަން އެންމެނަކަށް ނުދެވޭނެ ބޮޑެތި ފިހާރަތަކަކަށް. އަހަރެމެންނަކީ މަހުޖަނުންނެއް ނޫންވިއްޔަ."
ގިނަ ފަރާތްތަކުން ޝަކުވާ ކުރަމުން ސައްލާ ކުރަމުން ދިޔައީ ކުނި އަޅާނެ ކޮތަޅާ ބެހޭ ގޮތުންނެވެ. ހަމައެހެންމެ އަނެއް ޝަކުވާ އަކީ ކޮންމެ ފަހަރަކު ގެއިން ފޮތިކޮތަޅެއް ނޫނީ އެހެންވެސް އެއްޗެއް ގެންނަން ފަސޭހަ ނޫން ވާހަކައެވެ. އަގުބޮޑު ކުރި އިރު އެންމެ އާދައިގެ މީހާއާމެދު ވިސްނާލާފައި ނެތްކަމުގެ ޝަކުވާއެވެ.
ކުނިނަގާ ފަރާތްތަކުން ކަޅު ކޮތަޅުގައި ބަހައްޓާފައި ހުންނަ ކުނި ނުގެންދާ ސަބަބެއް ނޭނގެއެވެ. އެހެންނަމަވެސް ކަރުދާސްފޮށިގަނޑުގައި ނޫނީ ކަޅުކޮތަޅުގައި ބަންދުކޮށްފައި ހުންނަ ކުނި ނެގުމަށް ކުނިނަގާ ފަރާތްތަކުން ދެކޮޅުހަދައެވެ. އެހެންކަމުން ކޮންމެހެންވެސް ކުނި އެޅުމަށްޓަކައި ޕްލާސްޓިކް ބޮޑު ކޮތަޅު ބޭނުން ކުރަން އާންމުންނަށް މަޖުބޫރެވެ. ނަމަވެސް އިއްޔެ މިގެނައި ބަދަލާއެކު ކޮންމެ ރެއަކަށް 6 ރުފިޔާގެ އެއްކޮތަޅުވިޔަސް، ދެތިންކޮތަޅު ގަތުމަށް އުޒުރުވެރިވާ ފަރާތްތަކުން ދަނީ ހަދާނެ ގޮތް ހުސްވެފައިވާކަމުގެ ޝަކުވާ ކުރަމުންނެވެ.
"މިއީ އިންސާނުންނާ ދޭތެރޭ އިންސާނުން ކަންތައް ކުރާ ގޮތެއް ނޫންދޯ. ދުވާލުހަތަރުދަމު ބުރަ މަސައްކަތް ކޮށްގެން ލިބޭ ލާރި އެގޮތް މިގޮތަށް އަނބުރާ އަތުލަނީ. ޕްލާސްޓިކް ގެންގުޅުން މަދުކުރުމަށް މިނޫން ކަމެއް ހަމަ ނުފެނުނީބާ؟" މީހަކު ކޮށްލީ ސުވާލެކެވެ. ޝަކުވާތަކަށް ނިމުމެއްނެތެވެ.
މިފަދަ ކިތަންމެ ޝަކުވާއަކާއި ވާހަކަތަކެއް ހަމައެކަނި އިއްޔެއާއި ރޭގައި ވަނީ އިވިފައެވެ. މިއީ ރައްޔިތުމީހާއަށް އުފުލަން ޖެހުނު ތަކުލީފަކަށްވީހިނދު ޕްލާސްޓިކް ކޮތަޅުން އަގު ނެގުމުގެ މަގުސަދު ފުރިހަމަ ކުރެވޭނެތޯ ވިސްނާލަން ޖެހެއެވެ. ސަރުކާރުން ޕްލާސްޓިކް މަދުކުރުމުގެ ނަމުގައި މިފެށި ކަމަކީ ރައްޔިތުންނަށް ހާސްކަންބޮޑުވުމާއި ތަކުލީފުތަކެއްގެ ފެށުމަކަށް މިވަނީ ވެފައެވެ. އެހެންނަމަވެސް މިއީ ތިމާވެށި ހިމާޔަތް ކުރުމާއު ރައްކާތެރި ކަމަށް ވެސް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށް ގާބޫލުކުރަން ޖެހެއެވެ. ޝަކުވާތަކަށް ނިމުމެއްނެތެވެ. ތިމާވަށި ސުންނާފަތިވާން ދޫކޮށްލެވެންވެސް ނެތެވެ.