ހަތަރު ދިވެހިން ތިބި ދޯންޏެއް ދިޔަވެ އަޑިއަށްދާތީ ސިފައިން ޙަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މާލެއިން ފުރައިގެން ހަތަރު ދިވެހިންނާއެކު ތ. ދިޔަމިގިއްޔަށް ދަތުރުކުރި "މާކުރީ 7″ ދޯނި ތ. ވިލިފުށީގެ ހުޅަނގު އުތުރުން ހަ މޭލު ބޭރުން ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ދޯންޏަށް އެހީތެރިވުމަށް ސިފައިންގެ ކޯސްޓްގާޑުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ދޯނި ދިޔަވާން ފަށާފައިވަނީ، ތ.ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ލަފާ ކޮށްފައިވާ ގޮތުގައި ކުރިއަށް މިއޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށްވެއެވެ.