މުދާ އުފުލާ ބޯޓެއް ހަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ފަށައިފި އެވެ.

"މ. ސާވާރީ" ނަމަކަށް ކިޔާ އެ ބޯޓަކީ މ. ދިއްގަރު ބޯޓެކެވެ. މި ބޯޓަކީ މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ ބޯޓެއްކަމަށާއި، އެ ބޯޓުގެ ހަބަރެއް ނުވެގެން އެ ކަން މިއަދު ހެނދުނު 6:30 ހާއިރު އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާ ކަން އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.

''ހަލި ނިއުސް'' އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ އެ އިދާރާއަށް ބޯޓު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ލިބުނުއިރު އެވަގުތު ބޯޓު އޮތީ ކ. ގުރައިދޫގެ އިރުން ދިހަ ނޯޓިކަލް މޭލުބޭރުގައި ކަމަށާއި ނަމަވެސް އޭގެ ފަހުން ހަބަރެއް ނުވާކަމަށެވެ.

މީގެ އިތުރުން އެ ފަރާތުން ވިދާޅުވީ އެ ބޯޓުގައި ތިބީ 4 ފަޅުވެރިން ކަމަށެވެ. އެއީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ.

މި ބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވައިގެ މަގުންނާއި ކަނޑުމަގުން ދަނީ ކުރަމުންދާކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

މިއީ މޫސުން ގޯސްވެ ކަނޑު ގަދަ ދުވަސްވަރަކަށްވެފައި ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމުގެ އިލްތިމާސްއާއެކު މޫސުމާ ބެހޭ ގައުމީ އިދާރާއިގެ އިތުރުން ފުލުހުންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.