ރޭ ދަންވަރު "އެމް ސަވާރީ"ބޯޓު އަޑިއަށް ދިޔަ ހާދިސާގައި ކަނޑުވި ހަ މީހުން އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގައި މާލެ ގެނެސްފިއެވެ.

މިމީހުން ފެނުނީ ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވ.ފުލިދޫގެ އިރުމަތިން 26 ނޯޓީކަލް މޭލު ބޭރުން، ކަނޑުވެފައިވަނިކޮށް އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށެވެ.

މި ހަ މީހުން މިއަދު 13:00 ހާއިރު ވަނީ ކޯސްޓްގާޑް ޝިޕް ޣާޒީއަށް ނަގާފައެވެ. މިއަދު 16:30 ހާއިރު ވަނީ ރައްކާތެރިކަމާއެކު ހުޅުމާލެ ގެނެސްދީފައެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ ބޯޓުން ދަތުރުކުރި މީހުން ހުޅުމާލޭގައި ހުންނަ ކޯސްޓްގާޑު ޝިޕުތައް ބަނދަރު ކުރާ ސަރަހައްދަށް ގެނެވުމާއެކު އެމީހުންގެ ހާލު އޮޅުންފިލުވާފައެވެ. ހަމައެއާއެކު، އެ މީހުނަށް ޞިއްޙީ އެއްވެސް އިތުރު އެހީތެރިކަމަކަށް ބޭނުން ޖެހިދާނެ ކަމަށް އެމްއެންޑީއެފް މެޑިކަލް ކޯރގެ ޓީމެއްވެސް ވަނީ ހަރަކާތް ތެރިވެފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

ބޯޓުން ދަތުރުކުރި މީހުން ގާތްގަނޑަކަށް ނުވަ ގަޑިއިރު ކަނޑުވެފައި ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންނަމަވެސް، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށްވެސް ވަނީ ބުނެފައެވެ.