މާލެ އިން ދ. މީދޫއަށް ދަތުރު ކުރަމުން ދަނިކޮށް ރާޅެއް އަރައިގެން ރިޕޯޓު ކުރި ލޯންޗް މިހާރު މަގުދޫކައިރިން އަތޮޅަށް ވަންނަން ދަތުރު ކުރާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އަދި އެ ލޯންޗުގައި ތިިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާާއި ކޯސްޓް ގާާޑް ހާބަރު ކްރާފްޓަށް ކުޑައިރުކޮޅެއްގެ ތެރޭގައި ލޯންޗް ކައިރިއަށް ދެވޭނެ ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

އެ ލޯންޗު ދަތުރު ކުރަމުން ދިޔައީ ފ. ފީއަލި ކައިރިންނެވެ. އަދި ލޯންޗަށް ރާޅެއް އެރީ ފ. ފީއައްޔާ ހަތް ނޯޓިކަލް މޭލު ބޭރުންނެވެ. އެ ލޯންޗުގައި ތިބީ އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ޖުމްލަ 30 ޕެސެންޖަރުންނެވެ.

އަދި ކޯސްޓް ގާޑު ހާބަރު ކްރާފްޓްގެ އިތުރުން، ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިތެޔޮ ރިސޯޓުން ދޯންޏަކާއި، ފީއަލިން ދޯންޏަކާއި ބޯޓެއް ފުރި ކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.