ބ. ދަރަވަންދޫއަށް، ހިލަވެލި ބަރުކޮށްގެން ދެ މީހުންނާއެކު ދަތުރު ކުރި "ޖަމްބޯ" ދޯނީގައި ތިބި ދެމީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފިއެވެ.

މިއަދު އެމްއެންޑީއެފްއިން ބުނީ ދޯނީގައި ދަތުރުކުރި ދެ މީހުން ފެނިފައިވާ ކަމަށެވެ. އަދި އެމީހުންގެ ހާލު ރަނގަޅުކަމަށެވެ. ނަމަވެސް ދޯންޏަށް ވީގޮތެއް ހާމަކޮށްފައި ނުވެއެވެ.

މާލެއިން ފުރައިގެން ކ.ގާފަރުގައި މަޑުކުރުމަށްފަހު، ބުދަ ދުވަހުގެ ހެނދުނު 10:40 ހާއިރު ދަރަވަންދޫއަށް ފުރި "ޖަންބޯ" ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ ބުދަ ދުވަހު 11:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ދޯނީގެ ދިގުމިނަކީ 65 ފޫޓެވެ. މި ދޯންޏާ ވައްތަރު އުޅަނދެއް އިއްޔެ 13:00 އާއި 13:30 ދެމެދުގެ ވަގުތެއްގައި ކާށިދޫ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަ މޭލު ބޭރުން ފެނުނު ކަމަށް އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް (އެމްއާރުސީސީ) ރިޕޯޓު ބުދަ ދުވަހުގެ އިރުއޮއްސި 18:03 ހާއިރު ކުރުމާއެކުހެން ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އަންނަނީ ކުރަމުންނެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް، މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް އިން ވަނީ އިލްތިމާސްކޮށްފައެވެ.