އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާން ރޯވީ އައްޑޫ ސިޓީ ހިތަދޫ ޑައިމަންޑް ވިލާ ގޭގައި ހުރި ގޭސް ފުޅިއެއްގައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެ ގޭގައި ހުރި ގޭސް ފުޅިއެއްގައި ރޯވި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 14:24 ހާއިރު ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާން ވަނީ ނިއްވާލައިފައެވެ.

އަދި މިހާދިސާގައި އެއްވެސް މީހަކަށް އަދި ތަނަކަށް ވެސް ގެއްލުމެއް ނުލިބެއެވެ.

ރޭގެ ވަގުތެއްގައިވެސް ހިތަދޫ ގެއެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އެ ގޭގެ ކޮޓަރިއެއްގައި ހުރި އުއްބައްތިއެއް ވެއްޓުމުން އަލިފާން ރޯވެ, މުޅި ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ބައެއް މީހުންނަށް ދުމުގެ އަސަރުކޮށްފައިވެއެވެ.