ކުރިއަށް އޮތް ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިޔާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕުގެ ކުރިން ޕާކިސްތާނުން މޮރިޝަސްގައި އޮންނަ މުބާރާތެއްގައި ވާދަކުރަން ނިންމާފައިވާކަން އިއުލާން ކޮށްފިއެވެ.

މޮރިޝަސްއިން އިންތިޒާމް ކުރާ މިމުބާރާތުގައި މޮރިޝަސް އާއި ޕާކިސްތާނުގެ އިތުރުން ދެން ވާދަކުރަނީ ކެންޔާގެ އިތުރުން ޖިބޫތީއެވެ. ފީފާ ރޭންކިންގއަށް ބަލާއިރު ކެންޔާ އޮތީ 106 ވަނައިގައެވެ. މޮރިޝަސް އޮތީ 180 ވަނައިގައެވެ. ޖިބޫތީ އޮތީ ފީފާ ރޭންކިންގެ 193 ވަނައިގައެވެ. ޕާކިސްތާން އޮތީ 195 ވަނައިގައެވެ.

މޮރިޝަސްގައި މިމުބާރާތް ކުރިއަށް ދާނީ ޖޫން 8 އިން 18 އަށެވެ. ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން 22 އިން ޖުލައި 4 އަށެވެ.

ޕާކިސްތާން މިފަހަރު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަން ޖެހެނީ ގްރޫޕް އޭގައި މުބާރާތް ބާއްވާ ގައުމު އިންޑިޔާ އާއި ކުވައިތާއި ނޭޕާލްއާއެވެ. ރާއްޖެ ހިމެނެނީ ގްރޫޕް ބީ ގައި ބަންގާޅާއި ލުބުނާނާއި އަދި ބޫޓާނެއެވެ. ރާއްޖެއިން ވަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ފުޓްބޯޅަ ސީޒަން މެދުކަނޑާލައި 40 ކުޅުންތެރިންގެ ސްކޮޑެއް އިއުލާންކޮށް ފަރިތަކުރުންތައް ފެށުމަށް ތައްޔާރުވެފައެވެ.