ސިފައިންގެ މުސާރައަށް ވަރަށް އަވަހަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި ސިފައިންގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް “ސިފްކޯ ހިޔާ” ފުލެޓްތަކުގެ ކުއްޔައް ލުޔެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިސްނަވާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

"އެޖުޓަންޓް ޖެނަރަލް ކޯރ"ގެ 3 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އެބަދަލު ގެނައުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި އަދި މި ބަދަލު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އައިސް އެކަމުގެ ފައިދާ ސިފައިންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ސިފައިންގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް “ސިފްކޯ ހިޔާ” ފުލެޓްތަކުގެ ކުއްޔައްވެސް ލުޔެއް ދެއްވުމަށް ވިސްނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޞާލިހް ސަރުކާރާއި ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ސިފައިންނާއި ގުޅުންހުރި އެންމެ މުހިއްމު އަދި އެންމެ އިސްކަމެއްގެ ގޮތުގައި ދެކެވަޑައިގެންނެވީ ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކޮށްދީ ސިފައިންނަށް ބޭނުންވާ ޚިދުމަތްތަކަށް ހެޔޮ، ރަނގަޅު ބަދަލުތަކެއް އަވަހަށް ގެނެސްދެއްވުން ކަމަށެވެ. ހައުސިން އެލަވެންސް ދޭ އުސޫލާއި، ސިފައިންނަށް ބޮޑެތި ސިއްޙީ މައްސަލަތައް ކުރިމަތިވުމުން ޗުއްޓީދޭ އުސޫލަށް ވަނީ ހޮޔޮ ބަދަލުތަކެއް ގެނެސްދެއްވާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިފަދަ ކަންކަމުގައި ކުރިން ސިފައިން އުފުލަންޖެހުނު ކިތަންމެ ތަކުލީފެއް މިވަނީ ޙައްލުކޮށް ދެވިފަ. މިހިސާބުން ސިފައިންގެ ވެލްފެއަރގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ނިންމާލީކީ ނޫން. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ، ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި މިޔަށްވުރެންވެސް ފުން، އަދި މުހިންމު ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވުން،" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ސިފައިންގެ ވެލްފެއަރގެ ކަންކަން ރަގަޅު ކުރެއްވުމަށް ކޮށްދެއްވާ މަސައްކަތްފުޅު ފާހަގަކުރަށްވައި ހުރިހާ ސިފައިންނާއި އެކަމަނާގެ އަމިއްލަ ނަމުގައި ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ސާލިޙަށް ވަރަށް އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ގައުމީ ދިފާއީ ބާރަކީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިފައިވާ މުވައްސަސާއަކަށް ހެއްދެވުމަށް ރައީސް ސޯލިހު ދެއްވި ހާއްސަ އިސްކަމާއި އެކު، ގައުމީ ދިފާޢީ ބާރުގެ ކަންކަން ހަރުދަނާކުރުމުގައި މަސައްކަތް ކުރަމުން ގެންދަނީ ވަރަށް ފުޅާ އެޖެންޑާއެއްގެ ތެރެއިން ކަމަށެވެ.

ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނީޝިއޭޓިވް ބެނާގެ ދަށުން އުފަންވި އެންމެ ހަނގު ހިދުމަތަކީ، ނުވަތަ މައިގަނޑު ސަވިީސް އަކީ އެޖުޓަންޓް ޖެނެރަލްގެ ކޯއެވެ. އެ ކޯގެ މައިގަނޑު މަސައްކަތްތަކަކީ އަސްކަރިއްޔާގެ ބިންގަލާ ގުޅިފައިވާ އެންމެ އަސާސީ ކަންކަންތަކެވެ.