މައްކާ:- އުމްރާ ކުރަން އައި ސިންގަޕޫރުގެ އުމުރުން 30 އަހަރުގެ ޒުވާން އަންހެނަކު މައްކާގައި އިއްޔެ ފިރިހެން ކުއްޖަކު ވިހައިފި ކަމަށާއި ދެމައިންގެ ހާލު ރަނގަޅު ކަމަށް ސައުދީގެ ސިއްހީ އިދާރާއިން ބުނެފިއެވެ.

މައްކާ ހެލްތު ކްލަސްޓާގެ ދަށުން ހިންގާ ހަރާމް އިމަޖެންސީ ސެންޓަރު 3 ގައި އުމްރާވެރިޔާ އެޑްމިޓް ކުރީ މިދިޔަ ބުދަ ދުވަހު ހެނދުނުއެވެ. މަންމަ އާއި ދަރިފުޅު މިހާރު ވަނީ މެޓަނިޓީ އެންޑް ޗިލްޑްރަންސް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މައްކާ ހެލްތު ކްލަސްޓާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމްރާވެރިޔާ އާއި އޭނާގެ އާއިލާގެ އުފާވެރިކަން ހިއްސާކުރިއިރު، ވިއްސުމަށް އެހީތެރިވެދިން ހުރިހާ މެޑިކަލް ސްޓާފުންނަށް އުފާވެރިކަން ދެގުނައަށް އިތުރުވެގެންދާ ކަމަށެވެ.

ހައްޖު މޫސުމް ކައިރިވެފައިވާއިރު މައްކާގެ ހުރިހާ ހޮސްޕިޓަލް ފެސިލިޓީތަކާއި އިމަޖެންސީ ސެންޓަރުތަކުން ވީހާވެސް ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ފުރިހަމަ ތައްޔާރީތައްވެފައިވާކަން މައްކާގެ ހެލްތު ކްލަސްޓާއިން ކަށަވަރުކޮށްދެއެވެ.