ސަން އައިލެންޑް ރިސޯޓުން ކުނި ބަރުކޮށްގެން ހުޅުމާލެއަށް ވަންނަން އައި ދޯންޏެއްގެ އިންޖީނުގޭގެ ޑީސަލް ޓޭންކުގައި ރޯވި އަލިފާން އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ވީދަޅުވީ ހާދިސާގެ ރިޕޯޓް ރޭ 03:51 ހާއިރު ކަމަށާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން، ރޭ 03:55 ހާއިރު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަަސައްކަތް ފެށިއިފައިވާ ކަމަށެވެ.

"ސީއެމްއެފް-2" ނަމަކަށް ކިޔާ އެ ދޯނީގެ ޑީސަލް ޓޭންކުގައި އަލިފާން ރޯވީ، ހުޅުމާލެ ފިއުލް ސަޕްލައި މޯލްޑިވްސްގެ ހުޅަނގަށް އޮންނަ ބަނދަރަށް ވަންނަނިކޮށެވެ.

އަދި އަލިފާން ރޯވުމުން، އެ ވަގުތު އާންމުންގެ އެހީތެރިކަމާއެކު އެ ދޯނި އެ ދިމާލު ބަނދަރަށް ގާތްކުރުމަށް ފަހު، އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަަނީ ފޯމް ބޭނުންކޮށްގެން ރޭ 04:48 ހާއިރު އަލިފާން ނިއްވާލާފައެވެ.

ދޯނީގެ އިންޖީނުގެ ޑީސަލް ޓޭންކުގެ އިތުރުން ކުނީގެ ގޮތުގައި މި ދޯނީގައި ހުރި ބައު ދަނގަޑާއި ޓައިރާއި ލަކުޑިފަދަ ތަކެތީގައި ވެސް ރޯވެފައި ހުއްޓެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.