އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އައްޑޫ ސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މުވައްޒަފުންނަށް "ލީޑަރޝިޕް އެންހޭންސްމަންޓް" ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ހޮސްޕިޓަލުގެ 45 މުވައްޒަފުން ބައިވެރިވިއެވެ.

ލީޑަރޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ލީޑަރޝިޕްގެ އެކިބައިތަކާގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމާއި ލީޑަރޝިޕާ ގުޅުންހުރި އެކިއެކި ހަރަކާތްތައް ޢަމަލީގޮތުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސަދަން މޯސްޓް ޕޮއިންޓްގައި ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު އިނާޔަތެވެ.

މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ މި ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.