މިއަހަރު މޭ މަހު މީރާއަށް ޖުމްލަ 1.71 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާއިން މައުލޫމާތުދީފިއެވެ. މިރާއިން ބުނެފައިވަނީ މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %30.4 ގިނަ އަދަދެއް ކަމަށެވެ. އޭގެ އިތުރުން މިއަހަރު މޭ ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %1.8 އިތުރު އަދަދެއް ކަމަށް ވެސް ބުނެފައިވެއެވެ.

މީރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މޭ 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ.

ޖީ.އެސް.ޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާ ގުޅިގެން، ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް ވެސް މީރާއިން މައުލޫމާތުދީފައިވެއެވެ. އެޕްރީލް 2022 އާއި އަޅައިބަލާއިރު، އެޕްރީލް 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 13.1% އިތުރުވެފައިވާކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. އެހެންކަމުން ޓީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދީފައިވެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ބައެއް ފަރާތްތަކުން މި މަހުގެ ތެރޭގައި 2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް ދައްކައިފައިވާތީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވާކަމަށް ވެސް މީރާއިން މައުލޫމާތުދީފައިވެއެވެ. 2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކުހުގެ ފައިނަލް ރިޓަރން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑިއަކީ 2 ޖުލައި 2023 ކަމަށް ވެސް ބުނެފައިވެއެވެ.

މޭ 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ މޭ މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ އިތުރުވުމެވެ. މި ގޮތުން، މޭ މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އަންދާޒާކުރި ވަރަށްވުރެ 3.6% އިތުރުވެފައިވާތީ، ޓީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، ޓެކްސް ދައްކާ ބައެއް ފަރާތްތަކުން 2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް ދައްކަންޖެހޭ ސުންގަޑީގެ ކުރިން ޓެކްސް ދައްކައިފައިވާތީ، މި ކަމުގެ ސަބަބުން މޭ 2023 ގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މޭ 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 63.59% ނުވަތަ 1.09 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 12.41% ނުވަތަ 212.43 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 114.34 މިލިއަން ރުފިޔާ (6.68%)، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 101.20 މިލިއަން ރުފިޔާ (5.91%)، ގްރީން ޓެކްސްގެ ގޮތުގައި 83.10 މިލިއަންރުފިޔާ (4.85%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 112.17 މިލިއަން ރުފިޔާ (%6.55) ލިބިފައިވެއެވެ.

މޭ 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.78 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް މިރާއިން ބުނެފައިވެއެވެ.