69 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި އިއްޔެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ކަމަށާއި އަދި މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީވެސް އެމަނިކުފާނު ކަމަށެވެ.
މީގެ އިތުރުން ސިފައިންގެ މީހުންނަށް ބަޑިހަވާލުކުރާއިރު އަންގާ އެންގުން އިއްވައިދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަހީދެވެ. ބަޑި ހަވާލުކޮށް ނިމުމުން އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސް އިން ވަނީ ޤައުމީ ސަލާމް ކުޅެފައެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ދަރިވަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ޢަބްދުﷲ ޝަމާލްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އާއި ޖެނެރަލް އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.
އަދި ބަޑި ހަވާލުކޮށްފައިވަނީ 69 ވަނަ އަސާސީ ތަމްރީނު ކޯހުގެ 83 ދަރިވަރުންނަށް ކަމަށާއި މީގެ ތެރޭގައި 12 އަންހެން ސިފައިންނާއި 71 ފިރިހެން ސިފައިން ހިމެނޭ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ ސިފަވަންތަ އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންވާ ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމުގެ މައްޗަށެވެ.