ޓެރަރިޒަމްގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 28 އަހަރުގެ އެ މީހާ ހައްޔަރު ކުރީ މިދިޔަ އަންގާރަ ދުވަހުގެ މެންފުރުފަހު 1:30ގައި އެއާޕޯޓަށް ފުރަން ގޮސް ހުއްޓައި ކަމަށެވެ

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަކީ ފުރަން އެއާޕޯޓަށް ގޮސްހުރެ "ބޮމެކޭ" ވާހަކަ ދެއްކި ކަމުގެ ތުހުމަތެވެ. މީހުންގެ މެދުގައި ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ވާހަކަތައް ދެއްކުމަކީ ގާނޫނީ ކުށެކެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އޭނާ ބަންދުކުރި ސަބަބުތަކުގެ ތެރޭގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިތުރުން ބިދޭސީއަކަށް ވުމުން ފިލާފާނެކަން ބެލެވުން ހިމެނެއެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.