ނ.މާފަރުން ފެނުން ގޮތް ނޭންގޭ ޖަނަވާރު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ފަށައިފިއެވެ. މާފަރު އެއާޕޯޓް ކައިރިން އެ ޖަނަވާރު ހިންގާފައި ދާ ތަން އާންމުވެފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަރުވަމުންދާއިރު ހަމަ އެ ޖަނަވާރުގެ ވީޑިއޯއެއް އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު އަދްނާން ވަނީ އާންމުކޮށްފައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އެ ޖަނަވާރު ވައްތަރުއީ މިނިކާވަގަކާ އެވެ. އެރަށު މީހުން ބުނާ ގޮތުގައި އެ ޖަނަވާރު ބޮޑަށް ވައްތަރީ ބްލެކް ޕެންތާ އަދި ބްލެކް ޗީތާ އަކާއެވެ. އަދި އެ ޖަނަވާރު ކަނޑު ބޯޓަކުން މޫދަށް ފުންމާލި މަންޒަރު ފެނުނު ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ބުނީ މި ޖަނަވާރު ފެނިފައިވަނީ މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހިންނެވެ. އެ ޖަނަވާރު ފެނުނު މީހުން، އެއީ މިނިކާވަގެއް ކަމަށް ޔަގީންކަމާއެކު ބުންޏަސް، ފުލުހުން އަދި އެމްއެންޑީއެފުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު ވިދާޅުވީ އެ ޖަނަވާރު ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމަށެވެ. އަދި މާދަމާ އިތުރު ސިފައިން އެ ރަށަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުން އެކަމާ ބިރުން ނޫޅޭކަމަށްވިޔަސް އެ ރަށުތެރެއަށް އެރިކަމެއް ނުވަތަ ނާރާކަން ޔަގީންނުވާތީ އެރަށު ކައުންސިލްގެ ރައީސް އަދުނާންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމައެއާއެކު އެ ޖަނަވާރު އެރަށަށް އެތެރެވި ގޮތް ތަހުގީގުކުރަން ފުލުހުގައި އެދިފައިވާނެ ކަމަށާއި އަދި އެއީ އެރަށުގެ އެއާޕޯޓު ތަރައްގީގެ މަޝްރޫއަށް ބޭނުންވާ ޝިޕްމެންޓް ގެނައި ބޯޓަކުން އެތެރިވި އެއްޗެއްތޯ ވެސް ބަލަމުން އަންނަ ކަމަށް އަދުނާން ވިދާޅުވިއެވެ.