ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓްގައި މިހާރު ހިންގަމުންދާ ފުލުހުންގެ ތަމްރީނު ބެޗެއްގެ ދަރިވަރުންނަށް، ފަޔަރ އެވެއަރނެސް ކުލާސްތަކެެއް ފަށައިފިއެވެ.

މި ކުލާސް ތަކަކީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި އައްޑޫ ސިޓީ ހިތަދޫ ފަޔަރ ސްޓޭޝަނުން ގުޅިގެން ގެންދާ ކުލާސްތަކެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކުލާސްތަކުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓު ބޭނުން ކުރާނެގޮތް ފަދަ މުހިންމު މަޢުލޫމާތުތައް ކިޔައިދޭނެއެވެ.

މި ކުލާސްތަކުގައި ކިޔަވައިދިނުމުގައި ހަރަކާތްތެރިވަނީ، ފަޔަރ ފައިޓިންގގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ހާސިލުކޮށްފައިވާ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.