ދުނިޔޭގެ އެންމެ މުއްސަނދި ކުންފުނި، އެމެރިކާގެ އެޕަލް ކުންފުނީގެ މާކެޓް ވެލިއު 2022 ވަނަ އަހަރުގެ ޖެނުއަރީ މަހަށްފަހު ފުރަތަމަ ފަހަރަށް 3 ޓްރިލިޔަން ޑޮލަރަށް އަރައިފިއެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ހިއްސާގެ ބާޒާރުގައި އެޕަލް ކުންފުނި އަގު ކޮށްފައި ވަނީ 3.05 ޓްރިލިޔަން ޑޮލަރުގައެވެ. މަޝްހޫރު އައިފޯން އުފައްދާ ކުންފުނީގެ މާކެޓް ވެލިއު މަތިވެފައިވަނީ އެމެރިކާގެ އިންފްލޭޝަންގެ ހާލަތު ރަނގަޅު ވަމުން އައުމާއި އެޕަލް ކުންފުނިން އެހެނިހެން ވިޔަފާރިތަކަށް އިންވެސްޓް ކުރަމުން އަންނާތީ ކަމަށް މާކެޓް ދިރާސާ ކުރާ ތަޖުރިބާކާރުން ބުނެއެވެ.

އެޕަލް ކުންފުނިން އަލަށް ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުން އަންނަ އުފެއްދުންތަކުގެ ތެރޭގައި މިހާރުވެސް މާކެޓަށް ނެރެފައިވާ ވީއާރު ހެޑްސެޓުގެ އައުވާޝަންއަކާއި ވިސަން ޕްރޯ ހެޑް ސެޓާއި އާއި ވިސަންއޯއެސް ހިމެނެއެވެ. މިއުފުންދުންތަކުގެ ތެރެއިން އެންމެ ހާއްސަ ވާނީ ވިސަން ޕްރޯ ހެޑްސެޓެވެ. ވިސަން ޕްރޯ ހެޑްސެޓް މާކެޓަށް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ.

ކޮންސިއުމާ އިލެކްޓްރޯނިކްސް އާއި ސޮފްޓްވެއަރ ސަރވިސަސް އަދި އޮންލައިން ސަރވިސަސްގެ ޚިދުމަތް ދެމުން އަންނަ އެޕަލް ކުންފުނިން މިހާރު ތައްޔާރު ވަމުން އަންނަނީ އެޕަލް އައިފޯން-15، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ބާޒާރަށް ނެރުމަށެވެ. އޭގެ ކުރިން ސެޕްޓެމްބަރު 12 ވަނަ ދުވަހު އައިފޯން-15، ރަސްމީކޮށް އާންމުންނަށް ދައްކާލުން އޮންނާނެއެވެ.

މީގެ 47 ކުރިން އުފެއްދި އެޕަލް ކުންފުނީގެ 526 ފިހާރަ ދުނިޔޭގެ އެކިގައުމުތަކުގައި ހުރިއިރު، 164،000 މުވައްޒަފުން ގެންދަނީ އެކުންފުނީގައި ވަޒީފާ އަދާ ކުރަމުންނެވެ.