ނ.އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ތެޔޮ ހުސްވެ، އިންޖީނު ހުއްޓުނު ދޯންޏެއްގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ހުޅުމާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ "ފަހި ރޯދި" ނަމަކަށް ކިޔާ މި ދޯނި، މާލެ އަތޮޅު މަކުނުދޫ ރިސޯޓު ކައިރިން ތެޔޮ ހުސްވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ މިރޭ 21:00 ހާއިރުކަމަށެވެ.

އަދި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން އެ ސަރަހައްދަށް ދިޔަކަމަށްވެސް ވިދާޅުވިއެވެ.

މިގޮތުން ޖުމްލަ 32 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެ ދޯނި އޮތް ސަރަހައްދަށް، ކޯސްޓްގާޑް ނޫރައްދީން ދެވުމުން، އެ ދޯނީގައި ތިބި 12 ކުޑަކުދިންނާއި، ހަތް އަންހެނުންނާއި، ތިން ފިރިހެނުން ކޯސްޓްގާޑް ނޫރައްދީންއަށް ނަގައި، ރޭ 10:45 ހާއިރު އެމީހުން ވަނީ ހުޅުމާލެއަށް ގެނެސްދީފައެވެ.

އަދި ބާކީ 10 މީހުން ވަނީ ދޯނީގައި މަޑުކޮށްފައެވެ.

މި ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅެވެ.