އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި ގދ.ތިނަދޫގައި ޕެރޭޑް ބާއްވާގޮތަށް ހަމަޖެހިއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު އެމްއެންޑީއެފުން ގދ.ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑް އޮންނާނީ ގދ.ތިނަދޫގެ ބޮޑެތި މަގުތަކުގައިކަމަށެވެ.

އެގޮތުން ހަވީރު 16:00 ހާއިރު ތިނަދޫ ސްޓޭޑިއަމް ކައިރިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ މިއުޒިއަމް ކައިރިއަށެވެ.

މި ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅެވޭނެއެވެ. އަދި ޕެރޭޑް ނިމުމުން ސިފައިންނާއެކު ބޭންޑް އިންސްޓްރުމަންޓް އަދި ހަތިޔާރާއެކު އާންމުންނަށް ފޮޓޯނެގުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި އައްޑޫ ސިޓީގެ ރަށްތަކާއި ޏ.ފުވައްމުލަކުގައި ވެސް ދިވެހި އަސްކަރިއްޔާގެ ސިފައިން ވަނީ ޕެރޭޑް ބާއްވާފައެވެ. އަދި މި ޕެރޭޑްތަކަށް އާންމު ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.