ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި 21 ވަނަ ނޭޝަނަލް ބޮޑީ ބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް "އާބަންކޯ މިސްޓަރ މޯލްޑިވްސް 2023" ގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން އެމްއެންޑީއެފުން ހޯދައި، ސިފައިންގެ އެތުލީޓުން ރަން ވަނަތަކެއް ހާސިލުކޮށްފިއެވެ.
މިއީ، އެމްއެންޑީއެފުން މި މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ. އެމްއެންޑީއެފުން ވަނީ 2021، 2022 އަދި މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
އިޖުތިމާއީ މަރުކަޒުގައި ޖުލައި 3 ވަނަ ދުވަހުގެ ރޭ ބޭއްވި މިސްޓަރ މޯލްޑިވްސް މުބާރާތުގެ "މެންސް އެތުލެޓިކް ފިޒީކް (އަޕް ޓު 170 ސެންޓިމީޓަރ)" ކެޓަގަރީން، ސާޖަންޓް ފަތުހުﷲ މުޙައްމަދު ގޯލްޑް މެޑަލި ހާސިލުކުރިއިރު، "މެންސް އެތުލެޓިކް ފިޒީކް (އަޕް ޓު 175 ސެންޓިމީޓަރ)" ކެޓަގަރީގައި ވާދަކުރި ޕްރައިވެޓް ޢަބްދުﷲ އަހްސަން ވެސް ވަނީ އެ ކެޓަގަރީން ގޯލްޑް މެޑަލި ހާސިލުކޮށްފައެވެ.
މީގެ އިތުރުން، މެންސް ސްޕޯޓްސް ފިޒީކް (އަޕް ޓު 180 ސެންޓިމީޓަރ) ކެޓަގަރީން އެއްވަނަ ހޯދައި، ގޯލްޑް މެޑަލި ހާސިލުކޮށްފައި ވަނީ ވެސް ސިފައިންގެ އެތުލީޓެއް ކަމުގައިވާ ސާޖަންޓް އަޙްމަދު ނަޢީމްއެވެ.
އަދި މުބާރާތުގައި ސިފައިންގެ އެތުލީޓުން ހޯދި އިތުރު ކާމިޔާބީތަކުގެ ތެރޭގައި، "އެތުލެޓީކް ފިޒީކް" އޯވަރޯލް ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދައި، ޕްރައިވެޓް ޢަބްދުﷲ އަހްސަން ގޯލްޑް މެޑަލި ހާސިލުކުރުން ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު "މެންސް ސްޕޯޓްސް ފިޒީކް" ކެޓަގަރީން އޯވަރޯލް ތިންވަނަ މަޤާމު ހޯދައި، ސާޖަންޓް އަޙްމަދު ނަޢީމް ވަނީ ބްރޯންޒް މެޑަލި ހާސިލުކޮށްފައެވެ.
ސިފައިންގެ އެތުލީޓުން ވަނީ މުޅި މުބާރާތުގައި ހަތަރު ރަން މެޑައްޔާއި، ދެ ރިހި މެޑަލި އަދި ފަސް ބްރޯންޒް މެޑަލި ހާސިލުކޮށްފައެވެ. މިގޮތުން ވަކިވަކި ކެޓަގަރީތަކަށް ބަލާއިރު، މުބާރާތުގެ "މެންސް އެތުލެޓިކް ފިޒީކް (އަޕް ޓު 175 ސެންޓިމީޓަރ)" ކެޓަގަރީގައި ވާދަކުރި ސިފައިންގެ އެތުލީޓުންގެ ތެރެއިން، ސާޖަންޓް އިބްރާހީމް ނަބީލް، ރިހި މެޑަލި ހާސިލުކުރިއިރު، އެ ކެޓަގަރީން ބްރޯންޒް މެޑަލި ހާސިލުކުރީ ސާޖަންޓް މަނާފް ވަޙީދެވެ. އަދި މުބާރާތުގެ "މެންސް އެތުލެޓިކް ފިޒީކް (އަޕް ޓު 170 ސެންޓިމީޓަރ)" ކެޓަގަރީގައި ވާދަކުރި ސިފައިންގެ ސާޖަންޓް ޢަބްދުﷲ މުޙައްމަދު ވަނީ އެ ކެޓަގަރީން ބްރޯންޒް މެޑަލި ހާސިލުކޮށްފައެވެ.
"މެންސް ސްޕޯޓްސް ފިޒީކް (އަޕް ޓު 180 ސެންޓިމީޓަރ)" ކެޓަގަރީން ސިފައިންގެ ކޯޕްރަލް ޢަލީ ސަލާމް، ސިލްވަރ މެޑަލި ހާސިލުކުރި އިރު، "މެންސް ސްޕޯޓްސް ފިޒީކް (އަޕް ޓު 175 ސެންޓިމީޓަރ)" ކެޓަގަރީގައި ވާދަކުރި ސިފައިންގެ އެތުލީޓުުންގެ ތެރެއިން، ސާޖަންޓް ޙުސައިން ޝާޒް ވަނީ ބްރޯންޒް މެޑަލި ހާސިލުކޮށްފައެވެ. "މެންސް ސްޕޯޓްސް ފިޒީކް (އަޕް ޓު 170 ސެންޓިމީޓަރ)" ކެޓަގަރީން، ސިފައިންގެ ޕްރައިވެޓް ވިރާމް އިސްމާޢީލް ބްރޯންޒް މެޑަލި ހާސިލުކުރިއިރު، އެ ކެޓަގަރީގައި ވާދަކުރި ޕްރައިވެޓް ޢަބްދުﷲ ސަޢީދު، ހަތަރުވަނަ ހޯދާފައިވެއެވެ.
އޭގެ އިތުރުން، "މެންސް ބޮޑީބިލްޑިންގ އޯޕަން" ކެޓަގަރީގައި ވާދަކުރި ސިފައިންގެ ސާޖަންޓް އިބްރާހީމް އައްސަދު ވަނީ އެ ކެޓަގަރީން ބްރޯންޒް މެޑަލި ހާސިލުކޮށްފައެވެ.
މި މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބުގެ 11 އެތުލީޓުން ވާދަކޮށްފައި ވެއެވެ. މި އަހަރުގެ މިސްޓަރ މޯލްޑިވްސް މުބާރާތުގައި ވާދަކުރި ދިވެހި ސިފައިންގެ ކުލަބުގެ ޓީމުގެ ކޯޗަކީ، ސްޓާފް ސާޖަންޓް މުޙައްމަދު އިބްރާހީމެވެ. އަދި އެ ޓީމުގެ މެނޭޖަރަކީ ސްޓާފް ސާޖަންޓް މަޙްމޫދު ޒިޔާދުއެވެ.