ރ. އުނގޫފާރުން މާލެއަށް ދަތުރު ކުރަމުން ދިޔަ ފެރީ ލޯންޗެއްގައި ބެޓެރިއެއް ގޮވައި، ހަ މީހަކަށް އަނިޔާ ވެއްޖެ އެވެ.

އެމްއެންޑީއެފުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އުނގޫފާރުން މާލެއަށް ދަތުރުކުރި "ކްރިސްޓަލް ސްޕީޑް" ކިޔާ ފެރީ ލޯންޗެއްގައި ބެޓެރިއެއް ގޮވާފައިވާ ކަމަށެވެ. މި ފެރީ ލޯންޗުގައި 39 މީހަކު ދަތުރުކުރި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގާފައި ވަނީ އެރިޔަދޫ ރިސޯޓު ކައިރިންނެވެ. ފެރީލޯންޗުގައި ހިނގި މިހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ހަ މީހަކަށް އެހީތެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:00 ހާއިރު އެވެ.

އަނިޔާ ލިބުނު މީހުން މިހާރު ވަނީ އެރިޔަދޫ ރިސޯޓު ކުލިނިކަށް ގެންދެވިފައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.