އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި، ރ.އިނގުރައިދޫ ކައުންސިލާއި އެ ރަށު އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ، އަދި އެ ރަށުގެ މުއައްސަސާތަކުން ގުޅިގެން، "އެންމެން އެކުގައި ކަސްރަތަށް" ނަމުގައި ރ.އިނގުރައިދޫގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

އިނގުރައިދޫގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން، ޖުލައި 6 އިން ޖުލައި 14 އަށް ހިންގި މި ޕްރޮގްރާމްގައި އެ ރަށުގެ އަންހެން، ފިރިހެން އަދި ކުޑަކުދިން ހިމެނޭހެން ޖުމްލަ 95 މީހުން ބައިވެރިވެ، 71 މީހަކު ވަނީ ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިމަހުގެ ސާދަ ވަނަ ދުވަހުރޭ އިނގުރައިދޫ ބާފަޅު އަތިރިމަތީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ސަލީމުކަމަށެވެ.

މި ރަސްމިއްޔާތުގައި، ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ރަންވަނަތައް ހޯދި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުމާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އެގޮތުން އެޓެންޑެންސް އެވޯޑާއި މިޕްރޮގްރާމްގެ މުއްދަތުގައި ބަރުދަން ލުއިކުރި ބައިވެރިންގެ ތެރެއިން އެންމެ ބޮޑަށް ބަރުދަން ލުއިކުރި ތިންވަނަ، ދެވަނަ އަދި އެއްވަނަ ހާސިލުކުރި ފަރާތްތަކަށް ހަނދާނީ ލިޔުމާއި އެވޯޑް ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާނެވެ. އަދި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެކްޓިންގ ޑެޕިއުޓީ ކޮމާންޑަރ، މޭޖަރ އަޙްމަދު ބޫލާޤާއި އިނގުރައިދޫ ކައުންސިލްގެ މެންބަރުންނެވެ.

މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަޤްޞަދުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މީގެއިތުރުން މި ޕްރޮގްރާމްގައި ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮ ޞިއްޙަތާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި އަދި ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ މަޢުލޫމާތު ދެއްވާފަވެއެވެ. އަދި މީގެ އިތުރުން މިޕްރޮގްރާމްގައި ބައިވެރިންނަށް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމާއި ލީޑަރޝިފާއި ތަރުތީބުން ކަންކަން ކުރުމުގެ މުހިންމުކަމާއި އަދަބު އަޙްލާޤާއި ރިވެތި އާދަކާދަތަކާއި ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމާއި އަދި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތް ވަނީ ދަސްކޮށްދީފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

އިނގުރައިދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ކުލާސްތައް ނަގައިދިނީ ފިޒިކަލް ޓްރޭނިންގ އިންސްޓްރަކްޓަރ ފަސްޓް ލެފްޓިނެންޓް އިސްމާޢީލް އަޙްމަދެވެ. އަދި ނޮދަން އޭރިއާ ކޮމާންޑްގެ ފަރާތުން ސޭފްޓީ ސްޕަވައިޒަރުން ގޮތުގައި މަސައްކަތްކުރެއްވީ ސްޓާފް ސާޖަންޓް ޢަބްދުﷲ ވަސީމާއި ޕްރައިވެޓް އަޙްމަދު ޖައިލަމެވެ.