އިންޖީނު ހުއްޓުނު ފެރީއެއްގައި ތިބި ބަޔަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ހއ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރާ ލިއޯ ޓްރޭޑިންގގެ މި ފެރީ، އެ އަތޮޅު ގައްލަންދޫގެ 3 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 15:14 ހާއިރުކަމަށެވެ.

އަދި މިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފެރީ އޮތް ސަރަހައްދަށް ދަތުރުކޮށްފައެވެ.

މީގެ އިތުރުން ފެރީގައި ޖުމްލަ 9 މީހުން ތިބިއިރު، އެމްއެންޑީއެފްއިން ވަނީ އޭގެތެރެއިން 6 މީހުންނާއި ކުޑަކުއްޖަކު، ސީ އެމްބިއުލަންސްއަށް ނަގައި، އެ މީހުން ދަތުރުކުރަމުން ދިޔަ ރަށްތަކަށް ގެންގޮސްދީފައެވެ.

މިގޮތުން، ހއ. އިހަވަންދޫއަށް ދަތުރުކުރަމުންދިޔަ މީހުން މިއަދު 16:32 ހާއިރު، އަދި ހއ.ހޯރަފުއްޓަށް ދަތުރުކުރަމުންދިޔަ މީހުން މިއަދު 16:40 ހާއިރު ވަނީ އެ ރަށްތަކަށް ގެންގޮސްދީފައިކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ ދޯނި ސްޓާޓްކުރުމަށް ބޭނުންވާ ތެޔޮ، ދޯންޏަށް ފޯރުކޮށްދީފައެވެ.