ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިފައިންގެ އެންމެ އިސް 4 ޖެނެރަލުންނަށް މިއަދު މަޤާމުގެ ކުރިއެރުން ދެއްވައިފިއެވެ.
މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތް އެންމެ ޚާއްޞަ ބޭފުޅުންނަކީ މޭޖަރ ޖެނެރަލްގެ މަޤާމުން ލެފްޓިނެންޓް ޖެނެރަލްގެ މަޤާމަށް މިއަދު މަޤާމުގެ ކުރިއެރުން ދެއްވި، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ބްރިގޭޑިއަރ ޖެނެރަލްގެ މަޤާމުން މޭޖަރ ޖެނެރަލްގެ މަޤާމަށް، މަޤާމުގެ ކުރިއެރުން ދެއްވި ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.
މީގެ އިތުރުން މޭޖަރ ޖެނެރަލްގެ މަޤާމަށް ކުރިއެރުން ދެއްވި ދެބޭފުޅުންނަކީ އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، މޭޖަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤެވެ.
މިއަދު ބަންޑާރަކޮށީގައި މިކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިބޭކަލުންނަށް މަޤާމުގެ ރޭންކް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޙަވާލުކޮށްދެއްވާފައިވާއިރު، މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.
މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލްއަކީ އަސްކަރީ ތާރީޚުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަަށް ވަޑައިގެންނެވި ދެވަނަ ބޭފުޅާއެވެ.
މީގެކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ހަމައެކަނި ބޭފުޅަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ ޢަބްދުއްސައްތާރެވެ.