ދިވެހިރާއްޖޭގެ ފަޚުރުވެރި 58 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހެވިކަމާއި ކުޅިވަރު ހަރަކާތްތަކުގައި ދިވެހި ސިފައިން ބައިވެރިވެއްޖެއެވެ.
ރޭ ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހެވިކަމާއި ކުޅިވަރު ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިހްއެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި މާލޭގެ ބައެއް ސްކޫލުތަކުންނާއި އަދި ބައެއް ރަށްރަށުން ވެސް ތަފާތު އައިޓަމްތައް ހުށަހަޅައިދިން މި ހަރަކާތް ފެށިގެން ދިޔައީ ދިވެހި ސިފައިންނާއި ކެޑޭޓުންގެ ޝަރަފުގެ ހިނގާލުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ރިޔާސީ ކުރުނީހަކުންނެވެ. މި ލަޝްކަރުގައި ކޮމާންޑަރެއްގެ ގޮތުގައި ހުންނެވީ ކާނަލް ޢަބްދުލް މުޢިޒް މުސްތަފާއެވެ. އެއަށް ފަހު ސިފައިންގެ މިއުޒިކަލް ބޭންޑާއި ކެޑޭޓުންގެ ބޭންޑް ގުޅިގެން ޤައުމީ ސަލާމް ވަނީ ކުޅެފައެވެ. އަދި މި ހަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އަރުވާފައެވެ.
އަދި މީގެ އިތުރުން "ކަޅުތުއްކަލާ" މި ނަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ މިޔުޒިކަލް ޑިސްޕްލޭއެއް ދިވެހި ސިފައިން ވަނީ ހުށަހަޅައިދީފައެވެ. މި ހުށަހެޅުން ބިނާކޮށްފައިވަނީ، 1621 އިން 1648 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި އަލްސުލްޠާން މުޙައްމަދު އިމާދުއްދީން (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ޤައުމީ ޖިހާދުގެ މައްޗަށެވެ. ހަވާ އެރުވުމާއެކު ނިމިގެންދިޔަ މި ހަރަކާތުގައި ދިވެހި ސިފައިންގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ސިފައިންގެ ފައުޖުތައް ވެސް ވަނީ ދައްކާލާފައެވެ.
ސަރުކާރުގެ އެކިވުޒާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތު ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.