އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން 4-1 އިން މެންޗެސްޓަރ ސިޓީ އަތުން މޮޅުވެ އާސެނަލްއިން މިރޭ އައްޑަނަ އުފުލާލައިފިއެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ މެންޗެސްޓަރ ސިޓީއިންނެވެ. މިލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޯލް ޕަލްމާއެވެ. އާސެނަލްއިން އެއްވަރު ކުރީ އިތުރު ވަގުތުގެ 11 ވަނަ މިނެޓުގައެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި މެންޗެސްޓަރ ސިޓީ އަތުން ބޭކާރުވީ ކެވިން ޑިބްރޭނާ އާއި ރޮޑްރީ ފޮނުވާލި ޕެނަލްޓީއެވެ. ކާމިޔާބު ކުރެވުނީ ބާނާޑާ ސިލްވާ ފޮނުވާލި ޕެނަލްޓީއެވެ. އާސެނަލްގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ މާޓިން އޮޑެގާޑާއި ލިންދްރޯ ޓްރޮއްސާޑާއި ބުކަޔޯ ސަކާ އަދި ފަބިއޯ ވިއެއިރާއެވެ.

ކޮމިއުނިޓީ ޝީލްޑުގެ ތާރިހަށް ބަލާއިރު މިއީ އާސެނަލްއިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކުރި 17 ވަނަ ފަހަރެވެ. އާސެނަލްއަށް ވުރެ ގިނައިން ކޮމިއުނިޓީ ޝީލްޑް މެޗް ކާމިޔާބު ކޮށްފައި ވަނީ މެންޗެސްޓަރ ޔުނައިޓެޑެވެ. އެއީ 21 ފަހަރެވެ. އިނގިރޭސި ފުޓްބޯޅައިގެ ގަދަބާރަކަށް މިފަހުންވި މެންޗެސްޓަރ ސިޓީއަށް ކޮމިއުނިޓީ ޝީލްޑް މެޗް ކާމިޔާބު ކުރެވިފައި ވަނީ 6 ފަހަރުއެވެ.