ލިއޮނަލް މެސީއާއެކު އެމެރިކާގެ އިންޓަ މަޔާމީ ކުޅުމުގެ ބަދަލުގައި ޔޫއޭއީގެ ދުބާއީއަށް ނިސްބަތްވާ ރަސް އަލް ޚައިމާއަށް ބަދަލުވާން ސްޕެއިނާއި ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ނިންމައިފިއެވެ.

ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދިނުމަށް މަޝްހޫރު އިޓަލީގެ ފެބްރީޒިއޯ ރޮމާނޯ ރިޕޯޓް ކޮށްފައިވާ ގޮތުގައި ޚައިމާގެ ކޮންޓްރެކްޓުގައި ސޮއި ކުރުމަށް މިއަދުގެ ވަގުތެއްގައި އިނިއެސްޓާ ދުބާއީއަށް ދާނެއެވެ. އެކަމަކު އިނިއެސްޓާ ސޮއި ކުރަނީ ކިހާވަރެއްގެ މުސާރައަކަށް ކަމެއް ބުނެފައެއް ނުވެއެވެ.

މީގެ މަހެއްހައި ދުވަސް ކުރިން މަޔާމީއަށް މެސީ ބަދަލުވުމުން މެސީއާއެކު ކުޅުމުގެ ހުވަފެން އަދިވެސް ދެކޭ ކަމަށް އިނިއެސްޓާ ސޯޝިއަލް މީޑިޔާގައި ހާމަ ކުރިއެވެ. މިއާއެކު އިނިއެސްޓާ މަޔާމީއަށް ބަދަލުވެދާނެ ކަމަށް އޮތީ ބެލެވިފައެވެ. އަނެއްކޮޅުން މެސީ އާއި އިނިއެސްޓާއާއެކު ބާސެލޯނާއަށް ކުޅުނު ޖޯޑީ އަލްބާ އާއި ސާޖިއޯ ބުސްކެޓްވެސް މިހާރު ކުޅެމުން ދަނީ މަޔާމީއަށެވެ.

އިނިއެސްޓާ ވަނީ މެސީއާއެކު 12 އަހަރު ބާސެލޯނާއަށް ކުޅެ ކްލަބް ލެވެލްގައި މެސީއާއެކު ހުރިހާ ކާމިޔާބެއް ހޯދާފައެވެ. ބާސެލޯނާ ދޫކޮށް އިނިއެސްޓާ 2018 ވަނަ އަހަރު ބަދަލުވީ ޖަޕާނުގެ ވިސެލް ކޯބޭއަށެވެ. އެކްލަބަށް 114 މެޗް ކުޅެދީ 21 ލަނޑު އިނިއެސްޓާ ކާމިޔާބު ކޮށްދިނެވެ.