ކަނޑުގެ ދިރާސާތަކަށް ބޭނުން ކުރަމުން ދިޔަ ބޮޔެއް ކަނޑައިގެން ގޮސް އޮޔާ ދާތީ، މަސްވެރިންނާއި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ބޮއި އެންމެ ފަހުން ފެނިފައިވަނީ ހދ.މަކުނުދޫގެ ހުޅަނގުއުތުރުން 62 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. އަދި، މި ބޮއި އޮޔާ ދަނީ އިރުދެކުނުން ކަމަށެވެ.

އެހެންކަމުން ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެފަރާރުން ވަނީ ވިދާޅުވެފައެވެ.

އަދި މި ބޮޔާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވައިފިނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށް އެފަރާތުން އެދިލައްވާފައިވެއެވެ.