ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫއާއި ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، ކުޑަފަރީ ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މިއަދު ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މާޅެންދޫއާ ކުޑަފަރީއަށް ވަޑައިގެންނެވީ މިއަދު މެންދުރު ކުރީގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވި، ނ. މާޅެންދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާފައި ވަނީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)އާއެވެ. މިގޮތުން މިމަޝްރޫޢުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން ރައީސް މިއަދު ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވި، ނ. ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާފައި ވަނީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)އާ ޙަވާލުކުރައްވައިގެންނެވެ. މިގޮތުން މިމަޝްރޫޢުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، ކުޑަފަރީ، ފުޓުބޯޅަ ދަނޑުވެސް ހުޅުއްވައިދެއްވާފައެވެ. ޓަރފްއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މިދަނޑުގެ މަސައްކަތްކޮށްފައި ވަނީ، ވީ.އޭ.އެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލު ކުރައްވައިގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.