އިނގިރޭސި ފުޓްބޯޅަ ތާރިހުގައި ކްލަބް ބަދަލު ކުރި އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ބްރައިޓަން ދޫކޮށް މޮއިސެސް ކެއިސެއިޑޯ މިއަދު ޗެލްސީއަށް ބަދަލުވެއްޖެއެވެ.
އިކްއެޑޯރުގެ އުއްމީދީ މިޑްފީލްޑަރު ކެއިސެޑޯ،21، ޗެލްސީއަށް ބަދަލުވީ 115 މިލިޔަން ޕައުންޑް (146 މިލިޔަން ޑޮލަރު) ގެ ޓްރާންސްފާ ފީ އަކަށެވެ.
މީގެ ކުރިން އިނގިރޭސި ކްލަބަކަށް އެންމެ ބޮޑު އަގުގައި ބަދަލުވުމުގެ ރެކޯޑް އޮތީ މިދިޔަ ސީޒަނުގައި ޕޯޗުގަލްގެ ބެންފީކާއިން ޗެލްސީއަށް ބަދަލުވި އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އަތުގައެވެ. ޗެލްސީން އެންޒޯ އެކްލަބަށް ގެނައީ 107 މިލިޔަން ޕައުންޑުގެ ޓްރާންފާ ފީ އަކަށެވެ.
ޗެލްސީއާއެކު ކެއިސެއިޑޯ ހެދުމަށް ހަމަޖެހިފައި ވަނީ 8 އަހަރުގެ ކޮންޓްރެކްޓެކެވެ. އެކަމަކު އޭނާއަށް ދިނުމަށް ހަމަޖެހިފައިވާ މުސާރަ ޗެލްސީން އަދި މީޑިޔާއާ ހިއްސާ ކޮށްފައެއް ނުވެއެވެ.
ކެއިސެއިޑޯ، ޗެލްސީއަށް ސޮއި ކޮށްފައި މިވަނީ އޭނާ ގަތުމަށް ވާދަވެރި ލިވަޕޫލްއިން 110 މިލިޔަން ޕައުންޑް ބްރައިޓަންއަށް ހުށަހަޅައި އެއަގަށް ބްރައިޓަންއިން އޭނާ ލިވަޕޫލްއަށް އެއްބަސްވެފައި ވަނިކޮށެވެ. ޗެލްސީއިން ލިވަޕޫލަށްވުރެ ބޮޑު އަގެއް ކެއިސެއިޑޯއަށް ހުށަހެޅީ އޭގެ ފަހުންނެވެ. ލިވަޕޫލްއިން 110 މިލިޔަން ޕައުންޑް ހުށަހަޅައި ޓްރާންސްފާ މާކެޓް ހަލަބޮލި ކޮށްލިނަމަވެސް ކެއިސެއިޑޯ ހަމައެދުވަހު ބުނީ ލިވަޕޫލަށް އޭނާ ބަދަލުވުމުގެ ވިސްނުމެއް ނެތް ކަމަށާއި ޗެލްސީ ނޫން ކްލަބަކަށް ނުދާނެ ކަމަށެވެ.