ލީގްސް ކަޕް ސެމީފައިނަލުގައި ރާއްޖޭ ގަޑިން މިރޭ ފަތިހު އާޖެންޓީނާގެ ސްޕަރ ސްޓަރ ލިއޮނަލް މެސީގެ އިންޓަރމަޔާމީ އާއި ފިލަޑެލްފިއާ ބައްދަލު ކުރާ މެޗުގެ ޓިކެޓްތައް އެންމެ 8 މިނެޓް ތެރޭ ވިކި ހުސްވެއްޖެއެވެ.

ފިލަޑެލްފިއާގެ 18،500 މީހުންގެ ޖާގައިގެ ސުބަރު ޕާކް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގެ ޓިކެޓްތައް ވިއްކާފައި ވަނީ 300 ޑޮލަރުން މަތީގައެވެ. އަދި ބައެއް ޓިކެޓްތައް 556 ޑޮލަރަށްވެސް ވިއްކާފައިވާ ކަމަށް އެމެރިކާގެ މަޝްހޫރު ކުޅިވަރި ޗެނަލް އީއެސްޕީއެންއިން ބުނެއެވެ. މިއާއެކު މިއީ އެމެރިކާގެ ކްލަބް ފުޓްބޯޅައިގެ ތާރިހުގައިވެސް މިހާތަނަށް އެންމެ އަގު ބޮޑުކޮށް ޓިކެޓް ވިއްކި މެޗުގެ ގޮތުގައި ވަނީ ރެކޯޑް ކުރެވިފައެވެ.

އެމެރިކާ ލީގަށް މެސީ ބަދަލުވުމާއެކު މެސީ ކުޅެމުން އަންނަ އިންޓަމަޔާމީ ކުޅޭ މެޗުތަކުގެ ޓިކެޓަށް އޮތް ޑިމާންޑް އެތައް ގުނައެއް ވަނީ މައްޗަށް ޖެހިފައެވެ. މެސީ އެކްލަބަށް ބަދަލުވުމުގެ ކުރިން މަޔާމީ ކުޅުނު މެޗުތަކުގެ ޓިކެޓް ވިއްކާފައި ވަނީ އެވްރެޖްކޮށް 44 ޑޮލަރަށެވެ.

އިންޓަމަޔާމީގެ ސަޕޯޓަރުންނަށް ބްލެކް މާކެޓުގައި ޓިކެޓްތައް ނުވިއްކުމަށް ފިލަޑެލްފިއާގެ ކޯޗް ފިލް ކާޓިން ވަނީ އެކްލަބުގެ ސަޕޯޓަރުން ކިބައިން އެދިފައެވެ. "އަހަރެމެން ބޭނުމެއް ނޫން މުޅިދަނޑުގައި މަޔާމީގެ ސަޕޯޓަރުން ތިބޭތަން ބަލާކަށް. އަމިއްލަ ދަނޑުގައި ކުޅުމުގެ އެޑްވާންޓޭޖް އަހަރެމެންނަށް ނެގެން އޮތީ ސަޕޯޓަރުންގެ އެހީއާއެކު. އަހަރެން އެދެނީ އަހަރެމެންގެ ސަޕޯޓަރުންގެ އަތުގައި ހުރި ޓިކެޓްތައް މަޔާމީގެ ސަޕޯޓަރުންނަށް ނުވިއްކުމަށް" ކާޓިން ބުންޏެވެ.

މެސީ ވަނީ އިންޓަރމަޔާމީއަށް ބަދަލުވެ އެކްލަބަށް ކުޅެދިން 5 މެޗުގައިވެސް ލަނޑު ޖަހާފައެވެ. އެންމެފަހުން ކުޅުނު މެޗުގައިވެސް މެސީ 2 ލަނޑު ޖެހިއެވެ.

މެސީގެ ކުޅޭ ކޮންމެ މެޗެއްގެ ޓިކެޓްތަކަށް ވަރުގަދަ ޑިމާންޑެއް އޮތްއިރު ދުނިޔޭގެ މަޝްހޫރު އެތައް ސެލެބްރިޓީންނެއްވެސް މެސީ ކުޅޭތަން ބަލާލަން ދަނޑަށް ވަންނަކަން ފާހަގަ ކޮށްލެވެއެވެ.