ވެރިކަމާއި ހަވާލު ވުމަށްފަހު ހިދުމަތް ކުރާނީ އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި އިންސާފާއި ހަމަހަމަ ކަމާއިއެކުގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ކެލާއަށް ވަޑައިގެން ރައްޔިތުންނާއި މުހާތަބު ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ ގައުމަށް ތަރައްގީއާއި ކުރިއެރުން ގެނެވޭނީ ސިޔާސީ ހިޔާލު ތަފާތުވުން ދުރުކޮށް، ހަމަޖެހުމާއި އަދުލު އިންސާފު ގާއިމު ކުރެވިގެން ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ދެއްވުމުގައި އަބަދުވެސް އިސްކުރާނީ ހަމަހަމަކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުރިހާ ރައްޔިތުންގެ އަޑު އަހައި ހިދުމަތް ދޭނީ އެއްވެސް ތަފާތު ކުރުމެއްނެތި. ވަކިފިކުރަކަށް ވަކި ސިޔާސީ ޕާޓީއަކަށް ނިބަތްވީތީ ޚިދުމަތް ނުދޭ ސަގާފަތެއް ނޯންނާނެ. ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރަންޖެހޭ. އަދުލު އިންސާފު ގާއިމްކޮށް އަނިޔާވެރިކަން ނިމުމަކަށް އަންނަންޖެހޭ. އަނިޔާއާއި ބަދަލު ހިފުން ނިމުމަކަށް ގެނެސްގެން ނޫނީ ކަންކަން އިސްލާހެއް ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަދު ފަރާތްތަކެއްގ ވަނީ އަޑުއުފުލައި ފާޑު ކިޔާފައެވެ.

ހިޔާލާއި ޝުއޫރު ފާޅުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއެއްވެސް ތަފާތެއް ނެތި ކޮންމެ ރައްޔިތަކަށް ޝުއޫރު ފާޅުކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައްޔިތުންގެ ކައިރިއަށް ވެރިކަން ހޯދަން އަންނަ ފަދައިން ވެރިކަން ލިބުމަށްފަހުވެސް ކަންކަން ކުރުމަށްޓަކައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ރައްޔިތުން ކައިރިއަށް އަންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ މިޖަލްސާގައި ކެލާ ރައްޔިތުން އެދުނު ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން މިޖަލްސާގައި މުއިއްޒު ވަނީ ދެއްވާފައެވެ. މުއިއްޒު ވިދާޅުވީ، ކެމްޕޭން ކުރުމަށް ލިބިފައި އޮތް ކުޑަ ދުވަސްކޮޅުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ވަޑައިނުގެންނެވުނު ނަމަވެސް ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކު އެދޭ ކަންކަން ހާސިލް ކޮށްދެއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށެވެ.