ސްޕަރ ސްޓަރ ލިއޮނަލް މެސީ ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑާއެކު ފިލަޑެލްފިއާ 1-4 އިން ބަލިކޮށް ލީގްސް ކަޕުގެ ފައިނަލުން ފުރަތަމަ ފަހަރަށް އިންޓަރމަޔާމީ ރޭ ފަތިހު ޖާގަ ހޯދައިފިއެވެ.

ޕެންސިލްވޭނިޔާގެ ސުބަރު ޕާކް ސްޓޭޑިއަމްއަށް ކުޅިބަލަން ވަދެތިބި 18،500 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިމެޗުގައި މެސީގެ ލަނޑު ޖެހީ މެޗުގެ 19 ވަނަ މިނެޓުގައެވެ. އޭރިޔާގެ ބޭރުން، ސެންސާކަލްގެވެސް ބޭރުން ތިރިތިރިން މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ މަޔާމީއަށް މެސީ ކުޅެދިން 6 މެޗުގައި ޖެހި 9 ވަނަ ލަނޑެވެ.

މެސީ ޖެހި ލަނޑުގެ ވީޑިއޯ:

https://twitter.com/MLS/status/1691593877738643832?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Etweet

މެސީގެ ލަނޑުގެ ކުރިން މަޔާމީއިން ލީޑް ނެގީ މެޗުގެ 3 ވަނަ މިނެޓުގައި ޖޯސެފް މާޓިނޭޒްގެ ލަނޑުންނެވެ. ފުރަތަމަ ހާފް ނިމެން ދަނިކޮށް މަޔާމީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެސީގެ ގާތް އެކުވެރިޔާ އަދި ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ޖޯޑީ އަލްބާއެވެ. މަޔާމީގެ ހަތަރުވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެމެރިކާގެ ރައްވެހިކަން ހޯދާފައިވާ ހޮންޑިއުރަސްގެ 19 އަހަރުގެ ޑޭވިޑް ރުއިޒްއެވެ.

ދެވަނަ ހާފުގައި ރަނގަޅަށް ކުޅެ ފިލަޑެލްފިއާއިން މަޔާމީ ޕްރެޝަރަށް ވައްޓާލިއެވެ. އެކަމަކު އެކަމަކު 73 ވަނަ މިނެޓުގައި ލަނޑެއް ޖެހުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ.

ފައިނަލުގައި މަޔާމީ ބައްދަލު ކުރަން ޖެހޭ ކްލަބެއް ކަށަވަރު ވާނީ މިހާރު ކުރިޔަށްދާ މޮންޓެއްރޭ އަދި ނަޝްވިލް ބައްދަލު ކުރާ މެޗް ނިމުމުންނެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ލީގްސް ކަޕަކީ އެމެރިކާގެ މޭޖަރ ލީގް ސޮކައިގައި ވާދަކުރާ ކްލަބުތަކާއި މެކްސިކޯގެ ކްލަބުތަކުގެ މެދުގައި ކުޅޭ މުބާރާތެކެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އަންނަ އަހަރު އޮންނަ އުތުރު އެމެރިކާ ކްލަބުތައް ވާދަކުރާ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލުން އޮޓަމެޓިކް ޖާގައެއް ލިބޭނެއެވެ.