ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީ، "ކްލާސް އޮފް 2028" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ދިވެހީންނަށް ހުޅުވާލައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ކޯހަކީ އަންނަ އަހަރުގެ ޖޫން މަހުގައި، އެމެރިކާގައި ހުންނަ ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްކަމަށެވެ،
މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި:
- އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ މީހެއްކަމުގައިވުން
- ޒަވާޖީ ހަޔާތެއް ފަށާފައި ނުވާ، 2024 ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން
- ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) ހަދާފައިވާ ފަރާތެއްކަމުގައިވުން
- އަދި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ.
މި ޓެސްޓްތަކަކީ (SAT,ACT) ކޯހަށް އެޕްލައިކުރުމަށްފަހު ވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓްތަކެކެވެ.
މީގެއިތުރުން އެމްއެންޑީއެފްއިން ވިދާޅުވީ 4 އަހަރުގެ މުއްދަތަށް، ބެޗަލަރސް ޑިގްރީ ފެންވަރަށް ކުރިއަށް ގެންދާ މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 6 ޖާގައަށްކަމަށާއި ސިފައިންގެ ވަޒީފާގައި މިހާރު ނޫޅޭ ފަރާތެއް މި ކޯހަށް ހޮވިލައްވައިފިނަމަ، ހޮވިލައްވާ ފަރާތެއް ސިފައިންގެ ވަޒީފާއަށް ވެއްދޭނެ ކަމަށެވެ.
މި ކޯހުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި:
- އެރޮނޮޓިކަލް އިންޖިނިއަރިންގ
- އެސްޓްރޮނޮޓިކަލް އިންޖިނިއަރިންގ
- ކޮމްޕިއުޓަރ ސައިންސް
- މިލިޓަރީ ސްޓްރެޓެޖިކް ސްޓަޑީޒް
- މެކޭނިކަލް އިންޖިނިއަރިންގ
- ސައިބަރ ސައިންސް، ބަޔޮލޮޖީ
- ލީގަލް ސްޓަޑީޒް، މެތަމެޓިކްސް
- މެނޭޖްމަންޓް
- އޮޕަރޭޝަންސް ރިސަރޗް
- ފިލޯސަފީ
- އަދި ސިސްޓަމް އިންޖިނިއަރިންގ އަދި މީޓިއޮރޮލޮޖީ ހިމެނެއެވެ.
މީގެއިތުރުންވެސް، މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކަޑަމީއާ ބެހޭ މަޢުލޫމާތު، އެކަމަޑަމީގެ އޮފިޝަލް ވެބްސައިޓް www.usafa.edu އިން ލިބިލައްވާނެކަމަށާއިމި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، 2023 އޮގަސްޓް 31 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށް ދުރުވެ، އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށްވެސް އެމްއެންޑީއެފްއިން ވަނީ އެދިލައްވާފައެވެ.
އަދި، ފޯމް ހުށަހަޅުއްވަން ދުރުވެ، 9871235 ނަންބަރަށް ގުޅުއްވުމަށާއި ނުވަތަ، އެމްއެންޑީއެފް ޓްރެއިނިންގް ޑިޕާޓްމަންޓްގެ މެއިލް: ([email protected]) އަށް މެއިލް ކުރެވިދާނެ ކަމަށާއި ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް (www.mndf.gov.mv) އިން ޑައުންލޯޑު ކުރެވޭނެކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.
އެމްއެންޑީއެފް ވަނީ ކޯހާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގްގެ ނަންބަރު 3322607 އަށް ނުވަތަ މޯބައިލް 9871235 / 2156 އަށް ގުޅުއްވުން އެދިލައްވާފައެވެ.