އައްޑޫ ސިޓީގައި އެމްޑީއޭގެ ފަރާތުން ފޯކަލް ޕޮއިންޓުންގެ ގޮތުގައި ކަނޑައަޅުއްވާފައި ތިއްބެވި ތިންބޭފުޅުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

މީގެ ތެރޭގައި އައްޑޫސިޓީގެ ހިތަދޫ އިސް ފޯކަލްގެ އިތުރުން އެމްޑީއޭގެ އައްޑޫސިޓީގެ ސިޓީ އޮފީހާ ހަވާލުވެވަޑައިގެން ހުންނެވި ޒިންމާދާރު ވެރިޔާ މުހައްމަދު އަސްލަމްވެސް ހިމެނެއެވެ.

މިތިން ބޭފުޅުން ޖޭޕީއަށް ސޮއި ކުރެއްވީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އަރިހުގައެވެ. އަދި ސޮއިކުރެއްވުމަށްފަހު ފޯމުތައް ވަނީ ގާސިމް އާ ހަވާލުކޮށްފައެވެ. އައްޑޫއިން ސޮއިކުރި ތިން ބޭފުޅުންނަކީ އެމް.ޑީ.އޭ އައްޑޫ ފޭދޫ ފޯކަލް ޕޮއިންޓް ގެ ގޮތުގަައި މަސައްކަތް ކުރައްވަމުން ޡ، ފޭދޫ މޫސާ ވަޖުދީ އާއި، އައްޑޫ ހިތަދޫ މުޙައްމަދު އަސްލަމްއާއި، ޢަބްދުލް ޢަފޫރެވެ.

ޤާސިމް ވިދާޅުވީ މިތިން ބޭފުޅުން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރެއްވުމަށް ނިންމެވީތީ ނުހަނު އުފަލާ އެކު މަރުހަބާ ދަންނަވާ ޝުކުރު އަދާ ކުރާކަމަށެވެ. އަދި އަސްލަމާއި، އަބްދުލް ޢަފޫރާއި، ވަޖުދީ ފަދަ ގިނަ ޒުވާނުންގެ އެހީތެރި ކަމާ އެކު ޖުމްހޫރީ ޕާޓީ ދާނީ ކުރިއަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ބޭނުން ވާނެ ހެޔޮ ވެރިއެއް ހެޔޮވެރިކަމެއް ބޭނުން ވާތީ، ގާސިމް އިބްރާހީމަކީ އެމަނިކުފާނު އަމިއްލަ ގޮތުން ރައްޔިތުންނަށްޓަކައި އެތަކެއް ގިނަގުނަ މަސައްކަތް ކުރައްވާ ބޭފުޅެއް،" ފޯކަލްގެ އިތުރުން އެމްޑީއޭގެ އައްޑޫސިޓީގެ ސިޓީ އޮފީހާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އަސްލަމް "ހަލި" ނޫހުން ކޮށްލި ސުވާލަށް ޖަވާބުދެއްވައި ވިދާޅުވިއެވެ.

ޖޭޕީން ގެންދަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އަތޮޅު ތެރޭގައި ކެމްޕޭން ހަރަކާތްތައް ބާއްވަމުންނެވެ. ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ރައްޔިތުން ލާ ވޯޓަކީ ފަހުން ހިތާމަ ކުރަންޖެހޭ ވޯޓަކަށް ނުހެދުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ކޮށްދޭ ކޮންމެ ކަމަކީ އެ މީހަކު މަގާމުގެ ގޮތުން އަދާކުރަންޖެހޭ ޒިންމާއެއްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ރައީސްގެ މަގާމުގައި ނެތް އިރު، އަމިއްލަ ހައިސިއްޔަތުން ގައުމަށާއި ރައްޔިތުންނަށް ކޮށްދިން ހިދުމަތާ މެދު ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ވެރިކަމަށް އަންނަ މީހަކުގެ ތަންދޮރު އެނގުމާއި ގާބިލުކަމާއި ތަސައްވަރެއްގެ މައްޗަށް ކަމަށެވެ.