އިނގިރޭސި ޕްރިމިއަރ ލީގުގެ ފުލަމްއަށް ކުޅެމުން އަންނަ ސާބިއާގެ ބައިނަލްއަގުވާމީ ފޯވާޑް އެލެގްޒެންޑާ މިޓްރޮވިކް ސައުދީ އަރަބިއްޔާގެ އަލް ހިލާލްއާ ގުޅެން އެގައުމަށް ހިނގައްޖެއެވެ.

ސާބިއާ ގައުމީ ޓީމަށް 81 މެޗް ކުޅެދީ 52 ލަނޑު ކާމިޔާބު ކޮށްދީފައިވާ މިޓްރޮވިކް، އަލް ހިލާލްއާ ގުޅެން ސައުދީއަށް ގޮސްފައި މިވަނީ އޭނާ ގެންދިޔުމަށް އެކްލަބުން ދެމަހެއްހައި ދުވަހު މަސައްކަތް ކުރި ފަހުންނެވެ. ފުލަމްއިން މިޓްރޮވިކް ހިލާލްއަށް ވިއްކާލީ 50 މިލިޔަން ޕައުންޑަށެވެ.

ސައުދީގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން ހިލާލުން މިޓްރޮވިކާއެކު އެގްރިމެންޓް ހެދީ 2026 ގެ ޖޫންގެ ނިޔަލަށެވެ. އަދި ސީޒަނަކަށް 21 މިލިޔަން ޑޮލަރު މުސާރައިގެ ގޮތުގައި ހިލާލްއިން އޭނާއަށް ދޭނެއެވެ.

މިޓްރޮވިކް ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި މިިދިޔަ ސީޒަނުގައި 14 ލަނޑު އެކްލަބަށް ކާމިޔާބު ކޮށްދީފައެވެ. އަދި އޭގެ ކުރީ ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕުގައި 44 މެޗުން 43 ލަނޑު އެކްލަބަށް މިޓްރޮވިޗް ކާމިޔާބު ކޮށްދިނެވެ.

މިޓްރޮވިކް، ހިލާލްއަށް ބަދަލުވެފައިވާއިރު މަޝްހޫރު ނޭމާ ވަނީ މިދިޔަ ހަފްތާގައި ފްރާންސްގެ ޕީއެސްޖީ ދޫކޮށް ދެއަހަރުގެ އެއްބަސްވުމުގެއް ދަށުން އެކްލަބަށް ބަދަލުވެފައެވެ.