ބޭރުގެ އަސްކަރިއްޔާތަކަށް ވެސް ހުޅުވާލައިގެން އެމްއެންޑީއެފުން ބާއްވާ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ 11 ވަނަ ކޯސް ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއާއި ކޯސްޓްގާޑް ގުޅިގެން ހިންގި މި ކޯސް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޯހުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑެޕިއުޓީ މިނިސްޓަރ، އަލްފާޟިލް ޙުސައިން ޒާހިރެވެ.

އެމްއެންޑީއެފް ބުނިގޮތުގައި ކޯހުން ފާސްވި ދަރިވަރުންގެ މޭމަތީގައި ބެޖު ޕިންކޮށްދެއްވައި، ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޯސްޓްގާޑުުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ކޯހުގެ އިންސްޓްރަކްޓަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޯސްޓްގާޑު ޓްރޭނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ އަޙްމަދު ޖަމީލެވެ. އަދި، ކޯސް ހިނގައިދިޔަ ގޮތުގެ ރިޕޯޓް އިއްވައިދެއްވީ ކޯސްޓްގާޑު ބޭސިކް ސްކޫލުގެ އެކްޒެކެޓިވް އޮފިސަރ، ފަސްޓް ލެފްޓިނެންޓް އަޙްމަދު އާސިފް ހާރޫނެވެ.

ޅ.މާފިލާފުށީގައި ހުންނަ ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުގައިި 14 ހަފުތާގެ މުއްދަތަށް ހިންގި ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، ކޯސްޓްގާޑުގެ ޕްރައިވެޓް އަހުސަން ޙުސައިން ޙަލީމެވެ. ފިޓެސްޓް ޑައިވަރުގެ މަޤާމާއި، މެރިޓުން އެއްވަނަ ދަރިވަރުގެ މަޤާމަށް ހޮވުނީ އިންޓެގްރޭޓެޑް ހެޑްކުއޯޓަރޒްގެ ލާންސް ކޯޕްރަލް އަޙްމަދު ޝައިހާން ޖަލީލެވެ. މި ކޯހުގައި ބައިވެރިވި ރާއްޖެއިން ބޭރު އަސްކަރިއްޔާތަކުގެ ޑައިވަރުންގެ ތެރެއިން ހޮވާ ބެސްޓް ފޮރިން ސްޓޫޑެންޓް މަޤާމަށް ހޮވުނީ، ރޯޔަލް މެލޭޝިއަން ނޭވީގެ އޭބަލް ސީމަން މުޙައްމަދު ނާއިމް ބިން ރަޖަޕްއެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގި މި ކޯހުގައި ޖުމުލަ 13 ސިފައިން ބައިވެރިވެ ކޯސް ފުރިހަމަ ކުރިއެވެ. މިކޯހުގައި ބޭރުގެ އަސްކަރިއްޔާތަކުގެ ތެރެއިން މެލޭޝިއާ، ސްރީލަންކާ، ބަންގްލަދޭޝް އިން ތިން ސިފައިން ބައިވެރިވިއެވެ.

ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ އާދަމް މަޒްވަރީ ޖައުފަރު ސާދިގާއި، ބަންގްލަދޭޝް ހައިކޮމިޝަންގެ ފަސްޓް ސެރެޓަރީއާއި ޔޫއެންއޯޑީސީގެ ހެޑް އޮފް އޮފީސް ޓު ދަ މޯލްޑިވްސް މރ. އެންރިކޯ ބޮނިންސޭނާއާއި އެމްއެންޑީއެފް ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.