ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް ތުއްޕުޅުއިރު މަންމާފުޅު ނިޔާވެ، ލޯފަން ބައްޕާފުޅާއެކު ހަޔާތް ވޭތުވެގެންދިޔަ ގޮތް ވަރަށް އަސަރާއި އެކު ކިޔައިދެއްވައިފިއެވެ.
ގާސިމް މިގޮތަށް ވިދާޅުވެލައްވާފައިވަނީ، ރިޔާސީ ކެމްޕެއިނަށް ނ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ. ގާސިމް މިވާހަކަ ހިއްސާކުރައްވާފައި ވަނީ ވަރަށް އަސަރާއެކުގައެވެ.
2005 ވަނަ އަހަރުގެ ކުރިން ގައުމު އޮތް ހާލަތަށް ނަޒަރު ހިންގަވާލައްވައި ގާސިމް ވިދާޅުވީ އޭރު ދަތުރުފަތުރުގެ ނިޒާމާ، ބޭސް ފަރުވާގެ ނިޒާމުވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށެވެ.
ކުރީ ޒަމާނު ކަންކަން އޮންނަ ގޮތް ކިޔައިދެއްވަމުން ގާސިމް ވިދާޅުވީ މިފަދަ ކަންކަން ދިމާވާ ސަބަބަކީ އޭރުގެ ސިއްހީ ވަސީލަތްތަކާއި، އެކަމަށް ބޭނުންވާ ގާބިލް މީހުން ނެތުމުން ކަމަށެވެ.
ގާސިމް ވަނީ އޭނާގެ އުމުރުން މިވީ 73 އަހަރުގެ ތެރޭގައި ކޮށްފައިވާ ތަޖުރިބާ ތަކާއި، ދިމާވެފައިވާ ދަތިއުނދަގޫތައް ކިޔައި ދެއްވާފައެވެ.
ތުއްތުއިރު މަންމަ ނިޔާވުމުން ގާސިމް ބަލަމުންއައި މާމަ ނިޔާވުމުން ލޯފަން ބައްޕައާއި އެކު މަސައްކަތުގެ މައިދާނަށް ނުކުންނެވި ސަބަބު، ކީރިތި ކުރައްވާ ހާލުގައި ހާމަކުރައްވަމުން ވަރަށް އަސަރާއި އެކު ގާސިމް ކިޔައި ދެއްވިއެވެ.
ކެނދިކުޅުދޫ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ--ފޮޓޯ/ޖޭޕީގާސިމް ވިދާޅުވީ ބައްޕައާއި އެކު ދ އަތޮޅުގެ ފަޅުރަށަކަަށް ވަޑައިގެން އެރަށު މަސައްކަތް ކޮށް އުޅޭ މީހުންނަށް ކައްކާ ދިނުމުގެ މަސައްކަތް ކުރެއްވި ކަމަށެވެ.
ގާސިމް އިބްރާހިމް އެ ދުވަސްވަރަކީ ދަތި އުނދަގޫ ދުވަސްތަކެއް ނަމަވެސް އުޅޭ ތަނުން ބޭރުގައި ހިނގާ ކަންކަން އެނގިވަޑައިނުގަންނަވާތީ އުޅުއްްވީ ވަރަށް އުފަލާއި އެކުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.
އެގޮތުގައި ހަތަރު އަހަރު ހޭދަކުރެއްވި ފަހުން ދ ކުޑަހުވަދޫ މުދިން ކަލޭގެފާނުގެ ދަރިފުޅު ކިޔަވަން މާލެ ދާވާހަކަ އެކުއްޖާ ބުނުމުން ގާސިމްވެސް ކިޔަވާ ވިދާޅުވާން މާލެ ފޮނުވައި ދެއްވުމަށް ބައްޕާފުޅުގެ އަރިހުން އެދިލެއްވި ކަމަށާއި އުމުރުފުޅުން ހަގު ކަމުން ބައްޕާފުޅު އެކަމަށް އެއްބަސްވެވަޑައިގެންނެވީ ވަރަށް އުނދަގުލުން ކަމަށް ގާސިމް ވިދާޅުވިއެވެ.
މާލެ އައިސް އެންމެ ފުރަތަަމަ ހުންނެވީ މުހައްމަދު ޒަކީގެ ގެކޮޅުގައި ކަމަށާ އެބޭފުޅާވެސް އޭރު އުޅުއްވަމުން ދިޔައީ ވަރަށް ހާލުގައި ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންނަމަވެސް އެ ހާލުގައިވެސް ގާސިމް އާލިޔާ ސުކޫލަށް ކިޔަވަން ފޮނުއްވި ކަމަށާ، އެތަނުގައި ދުވަސްކޮޅަކު އުޅުއްވުމަށްފަހު ޔުނީފޯމު ފަދަ ތަކެތި ނެތުމުން ސުކޫލުން ވަކިވާން ޖެހުނު ކަމަށް ގާސިމް ވިދާޅުވިއެވެ.
އެފަހުން ޓިއުޝަން ކްލާސްތަކުން ފަދަ ތަންތަނުން ތައުލީމް ހާސިލް ކުރެއްވި ކަމަށާއި އެގެއިން އެހެން ގެއަކަށް ބަދަލުވެގެންވެސް ގޭގައި ކުރަންޖެހޭ މަސައްކަތްތަކާއިހުރެ ކިޔަވާނެ ވަގުތު ވެ ނުލައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އެއީ ކިޔަވަން އަންނަ ހުރިހާ ކުދިންގެވެސް އޭރުގެ ހާލު ކަމަށް ގާސިމް ސިފަކުރެއްވިއެވެ.
ނަމަވެސް ދެވަނަ ގެއަށްފަހު ތިންވަނަ އަށް ހުންނެވީ އިލްޔާސް ކިޔާ ބޭފުޅެއްގެ ގޭގައި ކަމަށާ، އެ ބޭފުޅާގެ އެހީއާއިއެކު ހަމައެކަނި ކިޔެވުމަށް އެކަނި ހާއްސަވެގެން ހުރެ ލިބުނު ކިޔެވުމުގެ ފުރުސަތުގެ ތެރެއިން، ސަނަދުތައް ހޯދައިގެން ސަރުކާރު ވަޒީފާތަކަށް އާދެވުނު ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ ހޮސްޕިޓަލުގައި އޭރު އަދާކުރެއްވި މަގާމުގެ ކުރިއަރައިގެން ދިޔަ ގޮތްވެސް ފާހަގަކުރެއްވިއެވެ.
އެއަށްފަހު ގާސިމް ވިދާޅުވީ އެވާހަކަތައް ކިޔައިދެއްވީ އޭރުގެ ހާލަތާއި މިހާރުގެ ހާލަތާ ދެމެދު ހުރި ތަފާތު ހިއްސާކުރެއްވުމަށް ކަމަށެވެ. އަދި އޭނާގެ ހަޔާތުގައި ދިމާވި ގޮންޖެހުންތަކާއި، އެހެންވެސް ކަންކަމާއި ގުޅޭ ގޮތުން ބަޔޮގްރަފީއެއް ވަރަށް އަވަހަށް ނެރޭނެކަމަށެވެ. މި ބަޔޮގްރަފީގައި 1،800 އަށްވުރެ ގިނަ ސަފުހާ ހިމެނޭނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އޭރުގެ ދަތި އުނދަގޫ ތަކުން ފެށިގެން މިއަދާ ހަމައަށް ވާސިލް ވުމަށް ބުރަ މަސައްކަތް ކުރެއްވިކަމަށާއި އަދި އެ މަސައްކަތުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އާއި މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އޭނާ ވެރިކަމަށް ކުރިމަތިލެއްވީވެސް ވެރިކަމަށްވުރެ ބޮޑަށް، ގައުމަށް އިސްލާހީ ބަދަލެއް ގެނައުމަށްކަމަށް ގާސިމް ވިދާޅުވި އެވެ.