"ހަމަ ނުކިޔަވަންވެގެން، ވަރަށް ބަސްނާހާ، އެހާ ހަލަނި. އަޑުގަދަކޮށް ހަޅޭލަވާ ހަދަނީ. މިހާރު ދެން މާ ވިޔާނުދާ ކަންތައް ކުރަނީ،"
އެހެންހެއްޔެވެ. ހަމަ ބަސްނާހާތީ ނުކިޔަވަންވެގެން ކުއްޖާ އެހެން އުޅެނީ ހެއްޔެވެ. އަޑުގަދަކޮށް މާބޮޑަށް ހަލަނިވެގެން މަޑުން ނީދެވިގެން އެއުޅެނީ ހަމަ ގޯސްކަމުންހެއްޔެވެ. ނޫނެކެވެ. އެއްގޮތަކަށްވެސް އެހެނެއްނޫނެވެ. އޭޑީއެޗްޑީ މި ނަން އެނގޭތޯއެވެ. މިއީ ކިހިނެއްވާކަމެއްކަން އެނގޭހެއްޔެވެ. ދެނެގަތުން ވަރަށް މުހިންމެވެ. އަމުދުން ތިކަހަލަ ކަންތައް ދިމާވަންޏާ ދެނެގަނެ، އެނގުން ވަރަށް މުހިންމެވެ.
އޭޑީއެޗްޑީ އަކީ ކިހިނެއްވާ ކޮން އެއްޗެއް؟
އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްޑީ) އަކީ މީހުންގެ އުޅުމަށް އަންނަ ބަދަލުތަކަކުން، ސުލޫކީ ބަދަލުތަކަކުން އުފެދޭ ނަތީޖާއެކެވެ. މިއީ ހާއްސައެހީއަށް ބޭނުންވާ މައްސަލައެކެވެ. އޭޑީއެޗްޑީ ހުރުމުން ސަމާލުކަން ދިނުމަށް ދަތިވެދެއެވެ. ކަމެއް ބޭނުން ވެއްޖެ ހިނދެއްގައި ވިސްނުމެއް ނެތި ހަމަކުއްލިއަކަށް، ވަގުތުން އެ ބޭނުންވާކަމެއް(އިމްޕަލްސް) ކުރުން ކަހަލަ ކަންތައް ދިމާވެއެވެ.
އެންމެ އާންމުގޮތެއްގައި މިމައްސަލަ ހުންނަ ފަރާތްތަކުގެ ކިބައިން ފާހަގަ ވާނީ މިދެންނެވި ކަމެއް ކުރަން ބޭނުންވުމުން ހަމައެވަގުތު ކޮށްލުމެވެ. މިސާލެއްގެ ގޮތުން ބުނާކަމަށްވާނަމަ، ކާގަޑިއަށް އެންމެނާއެކު ކާން އިށީންނަން އައިސް އިށީނުމުގެ ބަދަލުގައި ހަމަކުއްލިއަކަށް އަންނައުނު ދޮންނަން ނޫނީ ތަނެއްސާފުކުރަން އުޅުންކަހަލަ އެއްކަންއަނެއްކަމާ ނުގުޅޭ ކަންތައް ކުއްލިއަކަށް ކޮށްލުމަކީ މީގެ އެންމެ ބޮޑުއަލާމާތެވެ. މިއީ ކުޑަކުދިންނަށްވުރެ ބޮޑަށް ބޮޑެތިމީހުންގެ ފަރާތުން ފެންނަ ކަންތައްތަކެވެ.
ހަގީގަތުގައި އެމީހާއަށްވެސް އޭނާ އެވަގުތު އެއުޅެނީ ކާން ނޫންކަމާއި އަންނައުނު ދޮންނަން ނުވަތަ ތަނެއް ސާފުކުރަން ކަމެއް އިހުސާސްނުކުރެވޭނެއެވެ. އޭޑީއެޗްޑީގެ އެންމެ ބޮޑު އަނެއް އަލާމާތަކީ އޯސީޑީ، އާދަޔާހިލާފަށް ތަންތަން ސާފުކުރުމާއި މާބޮޑަށް ތަރުތީބުކޮށް އޮމާންކުރުމެވެ. މިފަދަ މީހުން ސާފުކޮށްފައި ހުންނަތަން ތަކުރާރުކޮށް އެތައްފަހަރަކު ކުރެއެވެ. އޭޑީއެޗްޑީ ހުންނަ މީހުންނަށް ނިދުމާއި ހާސްކަމުގެ އުނދަގޫތައް ފަދަ އިތުރު މައްސަލަތައް ވެސް ކުރިމަތިވެއެވެ.
އޭޑީއެޗްޑީގެ އަލާމާތްތައް ޅައުމުރުގައި، ސްކޫލް ފެށޭއިރު ބައެއް ކަންކަން ފާހަގަ ކުރެވިދާނެއެވެ. އޭޑީއެޗްޑީގެ ގިނަ ކޭސްތައް ކުދިންގެ އުމުރުން 3 އަހަރާއި 7 އަހަރާ ދެމެދުން ބައެއް ފަހަރު ވަރަށް ޅައުމުރުގައިވެސް ފާހަގަ ކުރެވެއެވެ. ކުޑަކުދިންގެ ގައިން ފެންނާނީ އިމްޕަލްސް(އަވަހަށް ކަންތައްކުރުން، ކުއްލިއަކަށް ކަމެއް ބޭނުން ވުމާއެކު އަވަހަށް އެކަމެއްކުރުން) މިއަލާމާތެވެ. ބަ އޭޑީއެޗްޑީ ހުންނަމީހަކު އޭނާގެ ކުޑައިރުގެ މައްސަލަ ހުރިކަން ނޭނގި ބޮޑުވާފަހުން ފާހަގަ ކުރެވެއެވެ.
އޭޑީއެޗްޑީ ވާރުތަވަނީ އާއިލާއިން
އޭޑީއެޗްޑީ އަކީ އާއިލީ ވާރުތަވާ މައްސަލައެކެވެ. މައިންބަފައިންގެ ފަރާތުން ވާރުތަވާ ޖީންތަކުން ދިމާވާ މައްސަލައެއްކަމަށް ވާއިރު، ދިރާސާތަކުން ދައްކާ ގޮތުގައި އޭޑީއެޗްޑީ ހުންނަ ފަރާތެއްގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކުދީންނަށް އޭޑީއެޗްޑީ ޖެހުމުގެ ފުރުސަތު ބޮޑެވެ.
ހައިޕަރ އެކްޓިވިޓީ އާއި އިމްޕަލްސިވް ކަމުގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
- މެދުނުކެނޑި ފިޖިޓިން. (ފައިތެޅުވުން، އިނގިލިތަކުގެ ތެރޭގައި އެއްޗެއް އެނބުރުން، ނިޔަފަތިކެއުން، އެއިންނަ ތަނެއްގައި އިނދެ ހަލުވިކޮށް ކުރާ ކަންތައް)
- ހަމަޖެހިގެން ނުހުރެވުން ނުވަތަ މަޑުން، ހިމޭނުން އިނުމަށް ދަތިވުން.
- މަސައްކަތަށް ސަމާލުކަން ނުދެވޭ ގޮތްވުން
- މާގިނައިން ވާހަކަދެއްކުން. (އެއްވެސް ކަމަކާ ބެހޭ ގޮތުން ދައްކާ ކޮންމެ ވާހަކައަކަށް އާދަޔާ ހިލާފަށް މާބޮޑަށް ތަފުސީލު ބުނެދިނުން)
- މާބޮޑަށް ޖިސްމާނީ ހަރަކާތްތެރިވުން. (އަވަސްއަރުވާފައި، އަބަދުވެސް ކޮންމެވެސް ކަމެއްގައި އަވަސްވެފައިހަރަކާތްތެރިވުން)
- ވިސްނުމެއް ނެތި އަމަލު ކުރުން
- ވާހަކަތައް މެދުކަނޑާލުން
- ފަރުވާކުޑަވުމާއި ތަފުސީލަށް ސަމާލުކަން ނުދިނުން
- ފަށާފައި ހުންނަ މަސައްކަތްތައް ނިންމުމުގެ ކުރިން މެދުނުކެނޑި އެހެންކޮންމެވެސް މަސައްކަތްތަކެއް ފެށުން.
- އޯގަނައިޒޭޝަނަލް ސްކިލްސް ދަށްވުން.
- ފޯކަސް ނުވަތަ އިސްކަންދޭން ނޭނގުން
- މެދުނުކެނޑި ތަކެތި ގެއްލިގެން ނުވަތަ ހުންނަން ޖެހޭ ތަން ނޫން ތަންތާ ބެހެއްޓުން
- ވަރަށް ފަސޭހައިން، ފަސޭހަ ކަންތައް ހަނދާންނެތުން. (ކުދިކުދި ވަރަށްވެސް އާދައިގެ ތަފުސީލުތައް ވަރަށް ރަނގަޅަށް ހަނދާން ހުންނާނެ، އެކަމަކު ކަންފަތުގައި ހުންނަ ހެޑްސެޓް ނުފެނިގެން ހާސްވެ ކަންބޮޑުވެ ތެޅި ފޮޅޭނެ، ޖީބުގައި ތަޅުދަނޑި އޮވެމެ ނުފެނިގެން އެނބުރި، ހާސްވެ ހޯދަމުން ތެޅިފޮޅޭނެ)
- ހަމަޖެހުމެއް ނެތުމާއި ފަލަވުން
ފަރުވާ އަކީ ކޮބާ؟
މިކަމަށް ސީދާ ފަރުވާއެއް ނުހުރެއެވެ. ކުޑަކުދީންނަށް އޭޑީއެޗްޑީއަށް ދޭ ފަރުވާތަކުގެ ތެރޭގައި ބޭހާއި ބިހޭވިއަރ ތެރަޕީއާއި ކައުންސެލިން އަދި ތައުލީމީ ހިދުމަތްތައް ހިމެނެއެވެ. މި ފަރުވާތަކުގެ ސަބަބުން އޭޑީއެޗްޑީގެ ގިނަ އަލާމާތްތަކަށް ލުއި ލިބިދާނެ ނަމަވެސް، އެ ފަރުވާތަކުން އެކަމަށް ދާއިމީ ހައްލެއް ނުލިބެއެވެ.
ކުޑަކުދީންނަށް އޭޑީއެޗްޑީ ގެ މައްސަލަ ޖެހިފައިވާކަން އެނގުމުން ދެވޭނެ ތެރަޕީތައް:
- އޭޑީއެޗްޑީ ބިހޭވިއަރ ތެރަޕީބިހޭވިއަރ ތެރަޕީއިޖުތިމާއީ ހުނަރުތައް ތަމްރީނު ކުރުން.
- ބެލެނިވެރިކަމުގެ ހުނަރުތައް ތަމްރީނު ކުރުން.
- ސައިކޮތެރަޕީ
- ފެމިލީ ތެރަޕީ
ގިނަފަހަރު އެއްވެސް ކަމެއް ހުރިކަން ގަބޫލެއް ނުކުރެވެއެވެ. މިއީ ދެނެގަންނަން ދަތިކަމެކެވެ. އެހެންނަމަވެސް ނުވިޔަސް އެހެންއާންމު ފަރާތްތަކާ ތަފާތު ކަމެއް ފެނުމުން އެނގޭނެއެވެ. އަދި އެނގޭ ހިސާބުން ފަރުވާ ވަގުތުން ދެވިއްޖެނަމަ ވަކި ގޮތަކަށް ހަމަތަކެއްގެ މަތިން ހިފަހައްޓާލެވޭނެއެވެ.