އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒް ހދ.ހަނިމާދޫއަށް ބަދަލުކުރާތީ، އެކަން ފާހަގަކުރުމުގެ ގޮތުން ސިފައިންގެ މިލިޓަރީ ޕެރޭޑް މިއަދު ހަވީރު ހއ.ދިއްދޫގައި ބާއްވައިފިއެވެ.

މިއަދު ހަވީރު ހއ.ދިއްދޫގައި ކުރިއަށް ގެންދިޔަ ޕެރޭޑް ފަށްޓަވައިދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ސަލީމެވެ. މިއަދުގެ ޕެރޭޑުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓުން ވެސް ބައިވެރިވިއެވެ.

މިއަދު ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައެވެ. ޕެރޭޑު ހުއްޓާފައިވާ ސަރަހައްދުތަކުގައި ބޭންޑުން ރާގު ކުޅެމުންދިޔައިރު އެރަށުގެ ރައްޔިތުންނާއި ކުޑަކުދިން ވެސް ބޭންޑާއެކު ބައިވެރިވެ، ތަރުހީބުދީފައިވެއެވެ. އަދި ޕެރޭޑަށްފަހު ސިފައިންނާއެކު ފޮޓޯނެގުމުގެ ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

ސިފައިންގެ މިލިޓަރީ ޕެރޭޑް، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ދެ ރަށެއްގައި ބާއްވާނެއެވެ. އެގޮތުން، މި ޕެރޭޑް މާދަމާ އޮންނާނީ، ހއ.އިހަވަންދޫގައެވެ. މީގެ އިތުރުން، މި މަހުގެ 29 ވަނަ ދުވަހު ހދ.ނޮޅިވަރަންފަރުގައި ޕެެރޭޑް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މި ރަށްތަކުގައި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގައެވެ. ޕެރޭޑަށްފަހު ސިފައިންނާއެކު ފޮޓޯނެގުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.

އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޕެރޭޑަކީ، ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ، އަދި، އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ހަރަކާތެކެވެ. އެމްއެންޑީއެފްގެ ޕެރޭޑްތައް އާންމުކޮށް ބާއްވަމުންދަނީ މާލޭގައި ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ އިތުރުކޮށްފައެވެ. އެމްއެންޑީއެފްގެ ލީޑަރޝިޕުގެ ވިސްނުންފުޅު ހުރީ، ވަގުތު ލިބުނު ވަރަކުން މި ފަދަ ހަރަކާތްތައް ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާ ކައިރިއަށް ގެންގޮސް، ގިނަ ބަޔަކަށް މި ހަރަކާތްތައް ދައްކާގޮތަށެވެ.